އެޗްޑީސީގެ އޮފީހުން ލެޕްޓޮޕް ވަގަށް ނެގި މީހަކަށް ނުވަ މަހުގެ ޖަލު ހުކުމެއް

އެޗްޑީސީގެ އޮފީހުން ލެޕްޓޮޕް ވަގަށް ނެގި މީހަކަށް ނުވަ މަހުގެ ޖަލު ހުކުމެއް

Author
ޙަސަން މުޙައްމަދު
22 އޮގަސްޓް 2025 09:22
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮފީހަކުން ލެޕްޓޮޕްތަކެއް ވަގަށް ނަގައި ވިއްކާލި މައްސަލައެއްގައި ތުހުމަތުކުރެވުނު މީހަކަށް ކްރިމިނަލް ކޯޓުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް އޮފީހަށް ވަދެގެން ހިންގި މި ވައްކަމުގައި ތުހުމަތުކުރެވުނީ ތ. ގާދިއްފުށި، މިރިޔާސްގެ، ހަސަން ޝަކީބެވެ. ޕޮލިހުންގެ ތަހުގީގަށް ލިބުނު މަޢުލޫމާތުގެ ދަށުން، ޝަކީބު ވަނީ އޮފީހުން ފަސް ލެޕްޓޮޕް ވަގަށް ނަގައި، އެ ތަކެތި ހަމައެކަނި 1700 ރުފިޔާއަށް ވިއްކާލާފައެވެ.

ޝަރީޢަތުގައި ކުށަށް އިޢުތިރާފުވި ޝަކީބުގެ މައްސަލަ ކްރިމިނަލް ކޯޓުން ބެލީ އަވަސް ނިޔާގެ އުސޫލުންނެވެ. ކުށަށް އިޢުތިރާފުވުމުގެ ސަބަބުން ފަނޑިޔާރު ވަނީ އަދަބު ލުއިކޮށްދީފައެވެ.

ވައްކަމުގެ މި ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލެވެ. ނަމަވެސް ކުށަށް އިޢުތިރާފުވެ، ޝަރީޢަތަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބު ކުޑަކޮށް، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެޗްޑީސީގެ އޮފީސްތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމުގައި ވީނަމަވެސް، މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ އިދާރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަމަށް ފެންނަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.