ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ ޢިމާރާތުގެ ޑިޒައިން މަސައްކަތާއި، ހަ ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތްތަކުގެ މަސައްކަތް އެމްޓީސީސީ އަދި އާރްޑީސީއާ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ހަވާލުކޮށްފައިވަނީ ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާއަށް، ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހއ. މާރަންދޫ އަދި ހއ. ބާރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ކޮންމެ ރަށަކަށް 11.5 މިލިއަން ރުފިޔާގެ އަގުގައި އަހަރެއްގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކ. ހުރާ، ކ. ކާށިދޫ، އދ. ދިއްދޫ އަދި ވ. ފުލިދޫ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. މީގެ ތެރެއިން ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 12 މިލިއަން ރުފިޔާއަށް 9ނުވަމަސްދުވަހުގެ ތެރޭގައި ނިންމުމަށާއި، ކާށިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 7.1 މިލިއަން ރުފިޔާއަށް ހަތް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވ. ފުލިދޫގައި އައު ސިއްޙީ މަރުކަޒެއް 27 މިލިއަން ރުފިޔާގެ އަގުގައި އަހަރެއްގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ