އުކުޅަހުގައި ބީއެމްއެލް ބްރާންޗާއި ޑޮލަރު އޭޓީއެމް ހިދުމަތް ފަށައިފި

އުކުޅަހުގައި ބީއެމްއެލް ބްރާންޗާއި ޑޮލަރު އޭޓީއެމް ހިދުމަތް ފަށައިފި

Author
އައިޝަތު އަޙްމަދު
21 އޮގަސްޓް 2025 10:47
0

އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށިގެން ދިޔައީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އުކުޅަހަށް ވަޑައިގެން ރައީސް މުއިއްޒު މި ދެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، އުކުޅަހު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ޕްރޮގްރާމުގެ ދަށުން އއ. އަތޮޅުގެ އެންމެހައި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފަށާފައިވާކަން ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. މިއާއެކު މީހުން ދިރިއުޅޭ އަށް އަތޮޅެއްގެ ކޮންމެ ރަށެއްގައިވެސް އޭޓީއެމް ހިދުމަތް ލިބެން ފެށިއްޖެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހުގެ ތަރައްޤީއަށް މުހިންމު ތިން އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އެއީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ގާއިމުކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމެވެ.

އުކުޅަހު ރައްޔިތުންނަށް އުފާވެރި ހަބަރެއް ގެނެސްދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެރަށުން 250 ގޯތި ދޫކުރުމުގެ ހުއްދަ އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ. ހަމައެއާއެކު 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ތަރައްޤީގެ މަޝްރޫޢުތަކާއެކު އުކުޅަހުގެ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފުޅާވެ، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުވެ، އިޖްތިމާޢީ ވަސީލަތްތައް ތަރައްޤީވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.