ތައިލެންޑުގެ ޕުކެޓުގައި ބޭއްވި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވަލޮޕްމެންޓް (އޭއައިބީޑީ)ގެ 23ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ކުރިއަށްއޮތް ދެ އަހަރު ދުވަހަށް އެ ޖަމްޢިއްޔާގެ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސްކަމަށް އިންތިޚާބުވެއްޖެއެވެ.
ސްރީލަންކާއިން ހުށަހެޅި މި ނަން، ކުރިއަށްއޮތް ދެ އަހަރަށް ޖެނެރަލް ކޮންފަރެންސްގެ ރައީސްކަމަށް ހޮވިފައިވާ ތައިލެންޑުން ތާއީދުކުރުމާއެކު، މެމްބަރު ގައުމުތަކުގެ ވޯޓަކުން ޕީއެސްއެމް މި މަޤާމަށް ހޮވުނެވެ. އޭއައިބީޑީގައި ދިވެހިރާއްޖެ ތަމްސީލްކުރަނީ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ޕީއެސްއެމްއެވެ.
ނައިބު ރައީސްކަމުގެ މަޤާމުގެ އިތުރުން، އޭއައިބީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމަށްވެސް ޕީއެސްއެމް ހޮވިފައިވެއެވެ. 11 މެމްބަރު ގައުމު ހިމެނޭ މި ބޯޑަކީ، ޖަމްޢިއްޔާގެ މާލީ، އިންސާނީ ވަސީލަތްތަކާއި އިދާރީ ހިންގުމުގެ ކަންކަމުގައި މައިގަނޑު ދައުރު އަދާކުރާ ބޯޑެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ލިބުނު މުހިންމު ކާމިޔާބެއްގެ ގޮތުގައި ޕީއެސްއެމްއިން މި މަޤާމު ފާހަގަކުރެއެވެ. 2018 ވަނަ އަހަރުވެސް އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއަރގެ މަޤާމު ޕީއެސްއެމުން އަދާކޮށްފައިވެއެވެ.
1977 ވަނަ އަހަރު އުފެދުނު އޭއައިބީޑީއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބްރޯޑްކާސްޓަރުން ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާއެކެވެ. ސަރަހައްދުގެ މީޑިއާ ތަރައްގީކޮށް، ގާބިލް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެހީތެރިވުމަށްޓަކައި މީޑިއާގެ ތަފާތު ދާއިރާތަކުން ތަމްރީނުތަކާއި ވޯކްޝޮޕްތައް އޭއައިބީޑީން ހިންގަމުން ގެންދެއެވެ.
މިމަހުގެ 19 އިން 21 އާ ދެމެދު ބޭއްވި މި ކޮންފަރެންސްގައި ކުރިއަށްއޮތް އަހަރުތަކުގެ މަސައްކަތްތައް ރާވައި، މެމްބަރު ގައުމުތަކުގެ ތަޖުރިބާ ބަދަލުކޮށް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.
މީޑިއާއާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ރާއްޖެ ތަމްސީލުކުރުމުގައި ޕީއެސްއެމް އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) އާއި ކޮމަންވެލްތު ބްރޯޑްކާސްޓަރސް އެސޯސިއޭޝަން (ސީބީއޭ) ފަދަ ޖަމްޢިއްޔާތަކުގައި ހަރަކާތްތެރިވެ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ދިވެހި މީޑިއާ ތަރައްގީކުރުމަށް ޕީއެސްއެމް މަސައްކަތްކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ