ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. އއ. މަތިވެރީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގައި ލާމަރުކަޒީ ގާނޫނަށް ހަތަރު މުހިންމު އިސްލާހެއް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް މުޅިން އުވާލުމެވެ. އަތޮޅު ކައުންސިލްތަކަކީ ބޭނުމެއް ނެތް "ފަށަލަ" އެއް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ސީދާ ބާރުތައް ދިނުމަށްޓަކައި މި ފިޔަވަޅު އަޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މިކަމަށް ހެކިވާނެ. އެއީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމަ ގާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ރަށު ކައުންސިލްތައް ސީދާ ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އަތޮޅު ކައުންސިލަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދެވަނަ އިސްލާހެއްގެ ގޮތުން، ކުދި އާބާދީގެ ރަށްތަކުގެ ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށް ރައީސް ހުށަހަޅުއްވާނެއެވެ. މި އިސްލާހުގެ ދަށުން 2000 މީހުންނަށްވުރެ މަދު އާބާދީ އޮތް ރަށްތަކުގައި ތިން ކައުންސިލަރުންނާއި، އެއަށްވުރެ ބޮޑު އާބާދީތަކުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ. ނަމަވެސް ސިޓީ ކައުންސިލްތަކަށް މި ނިޒާމު ތަތުބީގެއް ނުކުރެވޭނެއެވެ.
ތިންވަނަ އިސްލާހަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކުޑަކުރުމެވެ. އެހެންނަމަވެސް ޑަބްލިއުޑީސީގެ ރައީސަކީ ރަށުގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ފުލްޓައިމް މެންބަރަކަށް ހެދުމަށް ރައީސް ހުށަހަޅުއްވާނެއެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަތަރުވަނަ އިސްލާހަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމެވެ. މި އިސްލާހަށް ރައްޔިތުންގެ ވޯޓެއް ނަގައި، ރައްޔިތުން ތާއީދުކޮށްފިނަމަ ދެ އިންތިޚާބު އެއްކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އީސީގެ ލަފާގައި މި ބަދަލުން ދައުލަތުގެ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބެލެވެއެވެ.
މި އިސްލާހުތައް ހުށަހަޅުއްވަނީ ރައްޔިތުންނަށް ބޭނުންވާ ފެންވަރަކަށް ނިޒާމު ބައްޓަންކޮށް، "ފަށަލަތައް" ނެތި ސީދާ ރައްޔިތުންނަށް ބާރުތައް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ބުރާސްފަތި ދުވަހު ރައީސް ތަސްދީގުކުރައްވައި، އެލްޖީއޭއިން ހުރިހާ ކައުންސިލްތަކަށް އަމަލުކުރަން އަންގާފައިވާއިރު، އިދިކޮޅު ފަރާތްތަކުން މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށް ބުނެ ފާޑުކިޔަމުންދެއެވެ. ނަމަވެސް ރައީސް ވިދާޅުވަނީ މިއީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން" ކުރުމަށް ގެންނަވާ އިސްލާހުތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ