ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
17 އޮގަސްޓް 2025 10:58
0

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓަށް ރައްޔިތުން ބަދަލުވުމުގެ ކުރިން، އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ފަށައިފިއެވެ.

އެޗް.ޑީ.ސީން ބުނި ގޮތުގައި، މި މަސައްކަތް ކުރިއަށްގެންދަނީ އެ ސަރަޙައްދަށް ދިރިއުޅުން ޝިފްޓުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ. އެ ސަރަޙައްދަށް އާބާދީ އިތުރުވުމާ ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރަން ޖެހިފައިވާތީ، މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމުގައި އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

މިދިޔަ ދުވަސްތަކުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން އެޗް.ޑީ.ސީން ހާމަކުރެއެވެ. ދުވާލަކު ސޮއިކުރެވޭ އެއްބަސްވުންތަކުގެ އަދަދު އިތުރުކޮށް، މި މަސައްކަތް އަވަސްކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިންމައި، ފްލެޓްތައް ރަސްމީކޮށް ހަވާލުކުރުމަށް އެޗް.ޑީ.ސީން ރާވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ޓާގެޓް ހާސިލުކުރުމަށްޓަކައި ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ އިތުރު ގަޑިތަކުގައި ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މި 4،000 ފްލެޓަށް ރައްޔިތުން ބަދަލުވުމުން، އެ ސަރަޙައްދުގެ އާބާދީ ބޮޑު ތަން އިތުރުވެ، ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ބެލެވެއެވެ. މި ބަދަލުތަކާ ގުޅިގެން ބަސް ސްޓޮޕްތައް އިތުރުކުރުމުގެ އިތުރުން، ބަސް ރޫޓްތައް ފުޅާކުރުމާއި، ދަތުރުތަކުގެ އަދަދު އިތުރުކުރުން ފަދަ ކަންކަން ވެސް ކުރަން ޖެހިދާނެ ކަމަށް އެކި ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.