ހޯޕް ހޯލްޑިންގްސްއިން 54 މިލިއަން ރުފިޔާގެ އާމްދަނީ ފޮރުވާފައިވާކަމަށް ތުހުމަތުކޮށް މީރާއިން ދައުވާކުރަން ހަށަހަޅައިފި

ހޯޕް ހޯލްޑިންގްސްއިން 54 މިލިއަން ރުފިޔާގެ އާމްދަނީ ފޮރުވާފައިވާކަމަށް ތުހުމަތުކޮށް މީރާއިން ދައުވާކުރަން ހަށަހަޅައިފި

Author
އައިޝަތު އަޙްމަދު
17 އޮގަސްޓް 2025 05:25
0

ށ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކަށް "ހޯޕް ޓްރެވަލްސް"ގެ ނަމުގައި ލޯންޗު ފެރީ ޚިދުމަތް ފޯރުކޮށްދޭ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ޓެކުހަށް ގަސްދުގައި މަކަރުހަދައިފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

2020 ޖުލައި 1 އިން 2023 މޭ 31 އާ ދެމެދުގެ މުއްދަތުގައި ހޯޕް ހޯލްޑިންގްސްއިން ހުށަހަޅާފައިވާ ޖީ.އެސް.ޓީ ބަޔާންތަކާއި، 2020 އަދި 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިގެން ޓެކްސް ދެއްކުމުން އެއްކިބާވެފައިވާކަމަށް މީރާގެ ތަހުގީގަށް ފާހަގަވެފައިވެއެވެ.

މީރާގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހޯޕް ހޯލްޑިންގްސް ޕާޓްނަރޝިޕް ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވީނަމަވެސް، އެ ކުންފުނީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ދިގު މުއްދަތަކަށް ހިންގައިފައިވެއެވެ. ތަހުގީގު ކުރެވުނު މުއްދަތުގައި މި ވިޔަފާރި ހަރަކާތުން ލިބުނު ޖުމުލަ އާމްދަނީގެ 89 އިންސައްތަ ޖީ.އެސް.ޓީ ބަޔާންތަކުގައި ހިމަނައިފައެއް ނުވެއެވެ.

މި ގޮތުން 54 މިލިއަން ރުފިޔާގެ އާމްދަނީއާއި، ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގަށް އެނގިފައިވެއެވެ. ހަމައެއާއެކު 2020 އަދި 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާގެ އާމްދަނީ ފޮރުވައިފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

މި ތަހުގީގުގެ ތެރޭގައި މީރާއިން ޓެކްސް ދައްކާ ފަރާތުގެ އޮފީސް ބަލައި ފާސްކޮށް، ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލައި، ކުށުގެ ތުހުމަތުގައިވާ މީހުން ހާޒިރުކޮށް ބަޔާންތައް ނަގައިފައިވެއެވެ. މި މައްސަލައިގައި ހޯޕް ހޯލްޑިންގްސް ވިޔަފާރީގެ އިތުރުން، ވިޔަފާރީގެ ޕާޓްނަރެއް ކަމުގައިވާ ޝަހުދު އިބްރާހީމްމަނިކު އަދި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވި މުޙައްމަދު ޢަލީގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ދައްކަންޖެހޭ ޓެކްސް އެނގިހުރެ ގަސްދުގައި ނުދެއްކުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ ފަރާތަކަށް އެހީތެރިވުމަކީ ވެސް ކުށެއް ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ޓެކުހާ ގުޅޭ މަކަރުވެރިކަމާއި އޮޅުވާލުންތައް ހުއްޓުވުމަށް މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"ގެ ދަށުން މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެކަމަށް މީރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.