ޕާކިސްތާނަށް ކުރި ވިއްސާރައިގައި 344 މީހަކު މަރުވެއްޖެ

ޕާކިސްތާނަށް ކުރި ވިއްސާރައިގައި 344 މީހަކު މަރުވެއްޖެ

Author
އަހުމަދު
17 އޮގަސްޓް 2025 10:57
0

ޕާކިސްތާނުގެ ހައިބާރު ޕަހުތުންހުވާ ސަރަހައްދަށް ކުރި މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގެނބިގެންނާއި އެހެނިހެން ހާދިސާތަކުގައި 344 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ލިބުނު މަޢުލޫމާތުތައް ދައްކާގޮތުން، މަރުވި މީހުންގެ ތެރެއިން 328 މީހަކު މަރުވެފައިވަނީ ހައިބާރު ޕަހުތުންހުވާ ސަރަހައްދުގެ ފަރުބަދަތަކުންނެވެ. އެ ސަރަހައްދުގެ ބުނޭރު، ބަޖައުރު، މަންސެރާ އަދި ބައްޓެގްރާމް އަވަށްތަކަށް އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެންގަނޑު އޮހިގެން ދިޔައިރު ގިނަ ގެތައް ވެއްޓި، އެ ގޭގެއިގައި ތިބި މީހުން ފެންގަނޑުގެ ތެރެއަށް ޣަރަޤުވެ، ސަލާމަތްވުމަށް މަސައްކަތް ކުރިނަމަވެސް ގިނަ މީހުން ތާށިވި ކަމަށް ރިޕޯޓުތަކުން އެނގެއެވެ. މީގެ އިތުރުން، އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުދުހެމުން ދިޔަ ހެލިކޮޕްޓަރެއް މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، ދެ ޕައިލެޓުން މަރުވި ކަމަށް ހައިބާރުގެ ޗީފް މިނިސްޓަރު ބުނެފައިވެއެވެ.

އަފްގާނިސްތާނާއި ކަޝްމީރާ ކައިރިއަށް އޮންނަ ހައިބާރު ޕަހުތުންހުވާއަކީ ހިމާލިޔާ ފަރުބަދަތަކުގެ ބައެއް ކަމުން، ވިއްސާރާގެ އަސަރު ކަޝްމީރުގެ ބައެއް އަވަށްތަކަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން އެނގެއެވެ. ފެނާއި ކިސަޑާއެކު އޮޔާގޮސްފައިވާ އެތައް މީހެއްގެ ހަށިގަނޑު އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ފަޅިން ނަގާފައިވާއިރު، މަރުވި ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކޮށް ހަދާފައިވެއެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި، ވިއްސާރަ އަލިވެ ހަމަޖެހުމަށް އަދި ވަގުތުކޮޅެއް ނަގާނެ ކަމަށާއި، މޫސުމީ ވިއްސާރަ ސެޕްޓެމްބަރު މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެއެވެ. އެހެންކަމުން ރައްކާތެރި ނޫން ސަރަހައްދުތަކަށް ނުދިޔުމަށް އާންމުންނަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.