ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ތަރައްޤީކުރަން އާރުސީސީއާ ހަވާލު ކޮށްފި

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ތަރައްޤީކުރަން އާރުސީސީއާ ހަވާލު ކޮށްފި

Author
ހުސައިން
16 އޮގަސްޓް 2025 11:04
0

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި އައު ކައުންސިލް އިމާރާތްތައް ބިނާކުރުމުގެ މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް، ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީގެ މަޢުލޫމާތުގައިވާ ގޮތުން މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށައި، އަންނަ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 55 ކައުންސިލް އިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ކައުންސިލް އިމާރާތްތަކުގެ ވަށާފާރު ރޭނުމާއި، ކައުންސިލްތަކުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދައިދިނުން ވެސް ހިމެނޭކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އެހެންނަމަވެސް، މި ބޮޑު މަޝްރޫއުގެ ޖުމްލަ އަގު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި މަޝްރޫއު ފުރަތަމަ ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏަކާ ކަމެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތަކާއި އިސްލާހުތައް އެ ކުންފުނިން ބަލައިގަތުމަށް އިންކާރުކުރުމުން، ލޯކަލް ގަވާމެންޓް މިނިސްޓްރީން މެލޭޝިއާގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، މަޝްރޫއު ދިވެހި ކުންފުންޏަކާ ހަވާލުކުރުމަށް ނިންމީއެވެ. މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ކައުންސިލްތަކަށް ފެންވަރު ރަނގަޅު އިމާރާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.