މާލޭ މަސް މާރުކޭޓުގެ އެއްބަސްވުމުގައި ބޮޑު ފުށުއެރުންތަކެއް، އެއްބަސްވުން އުވާލުމާމެދު ގޮތެއް ނިންމަނީ

މާލޭ މަސް މާރުކޭޓުގެ އެއްބަސްވުމުގައި ބޮޑު ފުށުއެރުންތަކެއް، އެއްބަސްވުން އުވާލުމާމެދު ގޮތެއް ނިންމަނީ

Author
ހުސައިން
16 އޮގަސްޓް 2025 11:02
0

މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ނިންމި އަގާ ޚިލާފަށް މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައިވާތީ، އެ އެއްބަސްވުން ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލަ ފާހަގަކުރެވުނީ ކައުންސިލުގެ މިދިޔަ ހަފުތާގެ އާންމު ޖަލްސާގައެވެ.

އެފްޖޭ ޑިޒައިން ކުންފުންޏާ ހަވާލުކޮށްފައިވާ މާލޭ ރޯމަސް މާރުކޭޓާއި އެތަނުގެ މަތީގައި ހުރި ފިހާރަ ދޫކުރުމުގެ އެއްބަސްވުމުގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު 21 ގައި ސޮއިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ދައްކައެވެ.

ކައުންސިލުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ފާހަގަކުރެއްވީ، މި އެއްބަސްވުމުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. ބިޑު ކޮމިޓީން މަސް މާރުކޭޓު ކުއްޔަށް ދޫކުރަން ނިންމީ މަހަކު 130،000 ރުފިޔާއަށް ކަމަށް ވީނަމަވެސް، އަސްލު އެއްބަސްވުން ހެދިފައިވަނީ މަހަކު 70،000 ރުފިޔާއަށް ކަމަށް އާޒިމް ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އެ ތަނުގެ ކަރަންޓު ބިލުގެ ގޮތުގައި 437،926 ރުފިޔާ ނުދައްކާ ހުރި ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މި ހާލަތު މިހެން އޮތުމުން، ކޮންޓްރެކްޓުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ އަލުން އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މަސް މާރުކޭޓު ދޫކުރުމާ ގުޅޭ އިތުރު ލިޔެކިޔުންތައް ހޯދައި، މި މައްސަލައާ ބެހޭ ގޮތުން އިތުރު މަޝްވަރާތައް ކައުންސިލުގެ އަންނަން އޮތް ބައްދަލުވުމެއްގައި ކުރިއަށް ގެންދާނެ ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.