އަންނަ އާދީއްތަ ދުވަހު ފެށާ ދިރާސީ އާ އަހަރުގެ ކިޔެވުން، ބޭބީ ނާސަރީން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔެވުން ފަށާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާރމް 10 ޖެނުއަރީ 2021 ގައި ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާއި ހަމައަށް ކަނޑައަޅާފައިވަނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށެވެ. ނަމަވެސް ކަމާިއބެހޭ ފަރާތްތަކާއި، ސްކޫލުތަކާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު އާދީއްތަ ދުވަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން މިއަދު ވަނީ ނިންމާފައެވެ.
ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ދެވަނަ ޓާމްގެ ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ. މިނިސްޓްރީއިން މައުލޫމާތުދެއްވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ކަމާ ގުޅޭ ފަރާތްތަކާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަޝްވަރާކުރުމަށްފަހުގައެވެ.
މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާރމް 10 ޖެނުއަރީ 2021ގައި ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެ. pic.twitter.com/r8rvyqw3cX
— Ministry of Education (@MoEdumv) January 6, 2021
ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު ސްކޫލްތައް ޖުލައި މަހުގެ 1ވަނަ ދުވަހު ހުޅުވިއެވެ. އޭރު މާލެ ސަރަޙައްދުގައި ގްރޭޑް 9އިން މަތީގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދިންނަމަވެސް ކޯވިޑްގެ ކޭސްތައް ނެތް ރަށްރަށުގައި ކީ ސްޓޭޖް 1އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިއެވެ. މިގޮތުން ސްކޫލްއަށް ގެންގޮސްގެންނާއި އޮންލައިންކޮށްވެސް ކިޔަވައިދިނެވެ. އެހެންނަމަވެސް މާލޭގައި ބަލި ފެތުރުން އިތުރުވުމާ ގުޅިގެން އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށް ކިޔަވައިދެމުން ގެންދިއެވެ. ކޯވިޑް-19 ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކިޔެވުން މެދުކެނޑުމުގެ ސަބަބުން އަންނަ އހަރުގެ ދިރާސީ އހަރުގެ ކިޔެވުން ފެށުމަށް ނިންމާފައިވަނީ އޯގަސްޓްމަހުގައެވެ. އަދި މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ނިމޭނީ ޖޫން މަހުގައެވެ.
ސްކޫލްތައް ހުޅުވާ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމިއިރު މިފަހަރު ސްކޫލްތަކުގެ ކިޔެވުން މިދިޔަ ޓަރމާ ހިލާފަށް ހަފްތާގެ 5 ދުވަހުވެސް ކުރިޔަށްދާނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތުދެއްވާފައެވެ.
ކޮމެންޓު ފޮނުވާ