ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި 300 އަށްވުރެ ގިނަ މީހުން

ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި 300 އަށްވުރެ ގިނަ މީހުން

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 11:46
0

ތަފާތުއެކި ތުހުމަތުތަކުގައި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު 300 އަށް ވުރެ ގިނަ ކަމަށް ޕްރޮސެކިއުޓާ ޖެލެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ވަނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޕީޖީ އޮފީހުން ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތަފާސް ހިސާބު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަންނަނީ ބަލަހައްޓަމުން ކަމަށެވެ. އެއޮފީހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މި ރިޕޯޓުގެ މުއްދަތުގައި 327 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 100 ދުވަސް ވެފައި ތިބި މީހުން ވެސް ތިބިއިރު، ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 149 މީހުން، މާފުށި ޖަލުގައި 134 މީހުން، ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނޭކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުޠާއެކު ދޫކޮށްލަން، އަދި 3 މީހަކު ޑީޕޯޓު ކޮށްލުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގައި، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ދައުރެއް ނޯވެއެވެ. އަދި އެނިންމުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ނިންމެވުމެކެވެ. ނަމަވެސް މައްސަލައިގައި ދައުވާއެއް ކުރުމަށްފަހު، އެމައްސަލައިގައި ބަންދާބެހޭގޮތުން ވާހަކަދައްކާ ޝަރީޢަތުގެ އަޑުއެހުންތަކުގައި ޕީޖީ އޮފީހުގެ ވަކީލުން ބައިވެރިވާނެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ދިމާވެފައިވާ ޤާނޫނީ އަދި ޢަމަލީ ދަތިތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ދެ އިޞްލާޙުން އެދެވޭ ނަތީޖާތަކެއް ބަ ޙާޞިލުކުރެވޭކަމަށެވެ.  ނަމަވެސް، މިކަމަކީ، ވަރަށް ގިނަ މުއައްސަސާތަކެއްގެ މަސައްކަތާ ސީދާ ގުޅިފައިވާ ކަމަކަށްވާއިރު، މިވަގުތު ފެންނަ މަންޒަރަކީ، ހުރިހާ މުއައްސަސާތަކަކުންވެސް އެއް މިސްރާބަކަށް މަސައްކަތް ބައްޓަންވެފައި މަންޒަރުކަމަށެވެ.

އެހެންކަމުން، މި އަހަރެއްހައި ދުވަހުގެ ތެރޭގައި، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބައިތިއްބާ މީހުންގެ މައްސަލަތަކަށް ފާހަގަކުރެވޭފަދަ އިޞްލާޙީ ބަދަލެއް އަންނާނެކަމަށް ޤަބޫލު ކުރެވޭކަމަށެވެ. މިމަސައްކަތް ކާމިޔާބު ކުރެވޭނީ، މިކަމުގައި ސާބިތުވެ ތިބެ، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި، އެމައްސަލަތައް ޙައްލުކޮށް، ކަމާބެހޭ ހުރިހާ މުއައްސަސާއެއް އެއްކޮށް މަސައްކަތް ކުރެވިގެންކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.