އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނުގެ މަޒުލޫމު ރައްޔިތުންނާ އެކުވެރިކަން ފާޅުކުރުމަށް މާލޭގައި މިއަދު ބޮޑު އެއްވުމެއް ބޭއްވުނެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އެހެނިހެން ޖަމިއްޔާތަކުގެ ފަރާތުން އިންތިޒާމުކޮށްގެން މާފަންނު ސްޓޭޑިއަމުގައި ބޭއްވި މި އެއްވުމުގައި ހާސްތަކުން ގިނަ ބަޔަކު ބައިވެރިވިއެވެ.
ސަރުކާރުގެ ވަޒީރުންނާއި، ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާއި، ޢާންމު ރައްޔިތުން ހިމެނޭގޮތުން ގިނަ ބަޔަކު ބައިވެރިވި މި އެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކޮންމެ ގޮތަކުންވެސް ކޮންމެ މީހަކުމެ ބައިވެރިވާންޖެހޭ ކަމަށެވެ.
ގާޒާއަށް ކާބޯތަކެތި ވެއްދުން އިސްރާއީލުން މަނާކޮށްފައިވާތީ، ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތުން ގިނަ ބަޔަކު ކެއުމަށް ނުލިބިގެން މަރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހޮސްޕިޓަލްތައް ބޮމުން ފުނޑުފުނޑުކޮށް، ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ބަންދުކޮށްފައިވާ ކަމަށާއި، އިސްރާއީލުގެ ކެބިނެޓުން ގާޒާގައި ޔަހޫދީ ވެރިކަމެއް ޤާއިމުކުރުމަށް ފާސްކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ ފަލަސްތީނުގެ ދައުލަތް، އަރަބި ފަލަސްތީނުގެ ބިމުގައި ޤާއިމުވެގެންދާނެ. ސައްޔޫނީ ބާރުތަކާ ދެކޮޅަށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ކުރަމުންދާ ވަރުގަދަ ޖިހާދުގައި އަޅުގަނޑުމެން ބައިވެރިވާންޖެހޭނެ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ ބޮޑެތި ބާރުތަކުން އިސްރާއީލަށް އެހީތެރިވަމުންދާކަން ވެސް އޭނާ ކުށްވެރިކުރެއްވިއެވެ.
ގާޒާގައި ދިރިއުޅެމުން އައި ފަލަސްތީނީ ރައްޔިތަކު އެއްވުމުގައި ވާހަކަދައްކަމުން، ދިވެހި ރައްޔިތުން ފަލަސްތީނަށް ދައްކާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި ގާޒާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ އެއްބާރުލުމަކީ އެ ރައްޔިތުންނަށް ބޮޑު ހިތްވަރަކަށްވާ ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރު ޑރ. ހަސަން އަލް ޤޯޒީ ވާހަކަދައްކަވަމުން ވިދާޅުވީ، ފަލަސްތީނަށް ނަސްރު ލިބުން ލަސްވިޔަސް މާޔޫސްނުވެ، ސާބިތުކަމާއެކު އެ ޤައުމުގެ މުސްލިމުންގެ ހައްޤުގައި މަސައްކަތް ކުރަމުން ގެންދިއުން މުހިންމު ކަމަށެވެ. އޭނާ އިލްތިމާސްކުރެއްވީ ފަލަސްތީނުގެ މައްސަލައަކީ އުންމަތުގެ އެންމެހައި މުސްލިމުންގެ މައްސަލައެއް ކަމަށާއި، އެ ރައްޔިތުންނަށް އެހީތެރިވުމަކީ ކޮންމެ މުސްލިމަކުގެ ވާޖިބެއް ކަމަށެވެ.
މި އެއްވުމަކީ ރާއްޖޭގައި ފަލަސްތީނާ އެކުވެރިކަމުގެ ގޮތުން ބޭއްވުނު އެންމެ ބޮޑު އެއްވުންތަކުގެ ތެރެއިން އެއްވުމެއް ކަމަށް ބައިވެރިން ފާހަގަކުރެއެވެ. އެއްވުމުގައި ބައިވެރިން ފަލަސްތީނުގެ ދިދަ ހިފައިގެން، އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ޝުޢޫރު ފާޅުކުރި ސްލޯގަންތައް ގޮވައިލިއެވެ.
ކޮމެންޓު ފޮނުވާ