ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވާން ނިންމައިފިއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މިމަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން މަޝްވަރާ ކޮށްފައިވާކަމާށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި، ޖަލްސާ ބާއްވާނެ ދުވަހެއް ފައިނަލް ވެގެންދާނެކަމުގައެވެ.
އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވިފައިވަނީ އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް. މިމަހުގެ ތެރޭގައި މަޖިލިސް ޖަލްސާއެއް ބާއްވައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވޭ.
– އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި މާޗް މަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ޤާނޫނަށް ކޮމިޝަނުން ހުށަހަޅާ މައިގަނޑު 3 އިސްލާހެއް ވެއެވެ. އެގޮތުން އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް އޮތުމުގެ ބަދަލުގައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ 2 ވަނަ މާއްދާއަށް އަކުރެއް އިތުރުކުން، އެއީ ޚާއްސަ ޙާލަތެއް މެދުވެރިވެފައިވާތީ އިޖުރާޢަތްތައް ކަނޑައެޅުމައްޓަކައި އޮންނަ މުއްދަތުތައް، ކުރުކޮށްލުމުގެ އިޚްތިޔާރު ދިނުމުގެ އިތުރުން ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ނެތްކަމަށް އިޢުލާން ނުކުރާނަމަ އެޗްޕީއޭގެ ގައިޑްލައިންތަކަށް ރިއާޔަތްކޮށްގެން އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮތުމުވެ.
މީގެ އިތުރުންވެސް އިލެކްޝަން ކޮމިޝަނުން ދަނީ އިންތިޚާބުގައި މިހާރު ނަންނަގާ ކެންޑިޑޭޓުންގެ މައްސަލާގައާއި، އިންތިޚާބު ބޭއްވުމަށް ހުރި ގާނޫނީ އެހެނިހެން މައްސަލަތައްވެސް ހައްލު ކުރުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ދައުލަތުގެ މީޑިޔާގައި ވިދާޅުވެފައިވަނީ މިމަސް ނިމުމުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނެސް ޢަމަލުކުރަންފެށިއްޖެނަމަ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިދާނެކަމަށެވެ.
މަޖިލިސް ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް މަސައްކަތް ކުރައްވާއިރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ ޗުއްޓީއަށް އިނގިރޭސި ވިލާތުގައެވެ. އަދި ގިނަ މަޖިލިސް މެމްބަރުން ތިއްބެވީ ޗުއްޓީއަށް އެކި ދިމަދިމާލަށް ވަޑައިގެންފައެވެ. ނަމަވެސް ޖަލްސާ ބާއްވަން ތާރީޚެއް ކަނޑައެޅުމުން މެމްބަރުން ޖަލްސާއަށް ވަޑައިގެންނަވާނެކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ