ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ސަރުކާރުގެ ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ރިޔާޒު ސުވާލު ކުރެއްވީ، ފޮރިން މިނިސްޓަރު ޗައިނާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވޭތޯއާއި، އެފަދަ ދަތުރެއް ހަމަޖެހިފައިވާނަމަ އެއީ ކޮން އިރަކުތޯ ސާފުކުރައްވަމުންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެއާ އެކި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބައްދަލުވުންތަކާއި ދަތުރުތައް ކުރަމުން ގެންދާ ކަމަށެވެ. ޚާއްސަކޮށް ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ބެލެވޭ ގައުމުތަކާ އެކުވެރި އަދި ހަމަހަމަ ގުޅުންތަކެއް ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރާއްޖޭގެ ވަފުދެއް ޗައިނާއަށް ދަތުރެއް ކުރާ ތަން،" ކަމަށް ހަލީލު ވިދާޅުވިއެވެ. ނަމަވެސް އޭނާ އެ ދަތުރުގެ އިތުރު ތަފްސީލުތައް ހާމަކުރެއްވި ކަމެއް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑރ. އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މީގެ ކުރިން އޭނާ ހުންނެވީ ހެލްތު މިނިސްޓަރުކަމުގެ މަޤާމުގައެވެ. ހެލްތު މިނިސްޓަރެއްގެ ހައިސިއްޔަތުން ޗައިނާއަށް ދަތުރުކުރެއްވި ނަމަވެސް، ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން އަދި ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވާފައެއް ނުވެއެވެ. ފޮރިން މިނިސްޓަރުކަމާ ހަވާލުވުމަށްފަހު އޭނާ ފުރަތަމަ ކުރެއްވި ބޭރު ދަތުރަކީ އިންޑިއާއަށް ކުރެއްވި ދަތުރެވެ.
މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވާފައިވެއެވެ. އެ ދަތުރުފުޅުގައި އޭރުގެ ފޮރިން މިނިސްޓަރު، މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވިއެވެ. ޗައިނާއަކީ ދިވެހިރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށް ސަރުކާރުން ބަލާ ކަމަށް ފޮރިން މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ