މިސަރުކާރުގެ ފާއިތުވެދިޔަ ދެއަހަރު ތެރޭގައި މަތީ ތައުލީމީ ނިޒާމު އަތުނުޖެހޭ ވަރަށް ފަހަތަށް ގޮސްފައިވާކަމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މަތީ ތައުލީމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަދު ފެނިގެން މިދާ މަންޒަރުތަކުން ރާއްޖޭގެ ތައުލީމީ ނިޒާމާއިމެދު ކުރެވޭ އުންމީދަށް ވަރަށްބޮޑު މާޔޫސްކަމެއް އައިސްފައިވާ ކަމަށެވެ. މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ތައުލީމު އުގެނޭނެ ގޮތެއް އަމިއްލަ ގައުމުގައި ނެތި ކުރިމަތިވަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވައި އިބުރާ ވިދާޅުވީ މަތީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި ދިޔަ ކަމަށެވެ.
ނަމަވެސް މިސަރުކާރުގެ މިވީ ދެ އަހަރުގެ ތެރޭގައި ތައުލީމީ ނިޒާމާއިމެދު އަމަލުކުރަމުންދާ ގޮތުން ޚާއްސަކޮށް، މަތީ ތައުލީމުގެ ނިޒާމާއިމެދު އަމަލުކުރެއްވި ގޮތުން މި ނިޒާމު އަތުނުޖެހޭ ވަރަށް ފަހަތަށް ގޮސްފައިވާކަމަށެވެ. މިކަމުގައި ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަދާކުރެވޭނެ ގޮތެއްވެސް ނޭގޭކަމަށް ވިދާޅުވެ އިބުރާ ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަރުކާރަށް 2 އަހަރު ވީއިރު، 20 އަހަރުގެ ދިގު މުއްދަތެއްގައި، ބުރަ މަސައްކަތުން މި ރާއްޖޭގައި ބިނާކުރެވުނު މަތީ ތަޢުލީމުގެ ނިޒާމު މިވަނީ އަތު ނުޖެހޭ ވަރަށް ފަހަތަށް ޖެހިފަ. ރައްޔިތުންގެ މަޖިލީހުން މިކަމާއި އަޅާލައި ސަރުކާރު ޖަވާބުދާރީ ކުރާ ވާހަކަ ދައްކާ ގޮތެއް ނޭގޭ.
– އިބުރާ ވިދާޅުވިއެވެ.
Sarukaarah dhe aharu vee iru 20 ah aharuge dhigu mudhdhatheggai, bura masakkathun mi raajjeygai binaa kurevunu mathee thau'leemuge nizaam mivanee athunujehey varah fahathah jehifai@mvpeoplesmajlis in mikamaa alhaanulai sarukaaru jawab dhaaree kuraa vaahaka dhakkaa gotheh neygey
— Ibra – Unapologetically for Justice (@ibramandhu) January 5, 2021
އިބުރާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ރާއްޖޭ ބޭރުގައި ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެެވެ. ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ރާއްޖޭގައި ތައުލީމް ހާސިލް ކުރާނެ ގޮތްތައް ބަންދުވެ، ރާއްޖެއިން ބޭރަށް ދާންޖެހުމަކީ ދިވެހި ވަރަށް ގިނަ އާއިލާތަކެއްގެ ކަންބޮޑުވުމެކެވެ. ނަމަވެސް ތައުލީމު ހާސިލް ކުރުމަށްޓަކައި ރާއްޖެއިން ފުރުސަތު ނެތްނަމަ ރާއްޖެއިން ބޭރުންވެސް އެފުރުސަތު ލިބޭތޯ ކިޔަވާ ކުދިން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.
މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމާއި، ތައުލީމު ހާސިލް ކުރަން ބޭނުންވާ ދާއިރާތަކުން ކިޔެވޭނެ ގޮތްތައް ރާއްޖޭގައި ފަހިވެފައި ނުތުމެވެ. މިކަންކަން ހައްލު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ