ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އާ އެކަޑަމިކް ކަލަންޑަރު ނެރެފި

ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އާ އެކަޑަމިކް ކަލަންޑަރު ނެރެފި

Author
ހުސައިން
12 އޮގަސްޓް 2025 11:13
0

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ވަގުތީ އެކަޑަމިކް ކަލަންޑަރުގައި ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭނެ ގޮތަށް ބަދަލުކޮށްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދެއްވި ވައުދެއް ފުއްދެވުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

2026 ވަނަ އަހަރުގެ ސްކޫލު ކިޔެވުން ފެށޭނީ ޖެނުއަރީ 27 ގައެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް އޮންނާނީ މެއި 24 އިން 30 އަށް ކަމަށާއި، ފުރަތަމަ ޓާމު ނިމުމުން ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށް ކަމަށް ކަލަންޑަރުގައި ބަޔާންކޮށްފައިވެއެވެ. ދެވަނަ ޓާމު ފެށޭނީ އޮގަސްޓް 2 ގައި ކަމަށާއި، މިޑް ބްރޭކް އޮންނާނީ ސެޕްޓެމްބަރު 13 އިން 19 އަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އެންމެ މުހިންމު ބަދަލަކީ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށް ކަމެވެ.

ކުރީގެ ސަރުކާރުން 2021 ގައި ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރިއިރު، އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމުން ދަތުރުފަތުރު ކުރުމަށް ދަތިވާ ކަމަށް ބެލެނިވެރިންނާއި ދަރިވަރުން ޝަކުވާ ކުރަމުން ދިޔައެވެ. މީގެ ސަބަބުން ޗުއްޓީ ފައިދާކުރަނިވި ގޮތުގައި ހޭދަކުރުމަށް އުނދަގޫވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، މި ކަލަންޑަރު އެކުލަވާލުމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ރައީސް އަދި ޓޫރިޒަމް އެމްޕޮލޮއީސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނަރަލް މައުރޫފް ޒާކިރުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. ރިސޯޓު މުވައްޒަފުންނަށް ވެސް ޗުއްޓީ ލިބޭނެ ގޮތަށް އަހަރުގެ މެދަށް ދެ ހަފްތާގެ ބްރޭކެއް ލުމަށް ވަނީ ނިންމައިފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގެނައި ބަދަލުތަކުގެ ސަބަބުން މޭ މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ ތިން ޗުއްޓީން ހަތަރު ހަފްތާގެ ޗުއްޓީ ލިބޭނެއެވެ. މީގެ އިތުރުން ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަކިކޮށް ބަޔާންކޮށްފައިވާއިރު، ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަސް ފަދަ މުހިންމު ދުވަސްތައް އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިފައިވެއެވެ.

އަންނަ އަހަރުގެ އޭލެވެލް ކިޔެވުން ފެށޭނީ ޖޫން 7 ގައި ކަމަށާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާނީ އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށް ކަމަށް ވެސް ކަލަންޑަރުގައި ބަޔާންކޮށްފައިވެއެވެ. ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ އޮންނާނީ މާޗް 1 އިން 8 އަށާއި ނޮވެމްބަރު 12 ގައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އަހަރު ފަށަމުން އައީ ޖެނުއަރީ މަހު ނަމަވެސް، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކޮށްފައި ވަނީ ކިޔެވުން އެއް އަހަރުން ދޮޅު އަހަރަށް ދެންމުމަށް ފަހުގައެވެ. މިހާރު ގެނެވުނު ބަދަލާއެކު، ދިރާސީ އަހަރު އަލުން ޖެނުއަރީ މަހު ފެށޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.