ކަމަދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމުގެ މަސައްކަތް 5.4 މިލިއަން ރުފިޔާއަށް އެފްޑީސީއާ ހަވާލުކޮށްފި

ކަމަދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމުގެ މަސައްކަތް 5.4 މިލިއަން ރުފިޔާއަށް އެފްޑީސީއާ ހަވާލުކޮށްފި

Author
ހުސައިން
11 އޮގަސްޓް 2025 02:45
0

ބ. ކަމަދޫ ސްކޫލަށް ދެ އައު ކްލާސްރޫމް އެޅުމުގެ މަސައްކަތް މިއަދު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލެވެ. މި މަޝްރޫއުގެ އަގަކީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޚާއްޞަކޮށްފައިވާ ސަރުކާރު ކުންފުންޏެއް ކަމަށްވާ އެފްޑީސީއަށް ސްކޫލް ކްލާސްރޫމް އެޅުމުގެ މަސައްކަތެއް ހަވާލުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އާންމުކޮށް މިފަދަ ކްލާސްރޫމް އެޅުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ކޮންޓްރެކްޓުކުރަނީ އަމިއްލަ ކުންފުނިތަކަށެވެ.

ނަމަވެސް ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރު ކުންފުނިތަކުގެ ބޭނުން ކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ އެޕްރީލް މަހު ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް، މަގު ހެދުމަށް ޤާއިމުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ސަރުކާރުގެ ތަރައްގީ މަޝްރޫއުތައް ހިންގުމުގައި ސިފައިންގެ އެހީތެރިކަން ވެސް ސަރުކާރުން ވަނީ ހޯދަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.