އައްޑޫއިން ސީދާ މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިފްކޯ ފަށަނީ

އައްޑޫއިން ސީދާ މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިފްކޯ ފަށަނީ

Author
ހުސައިން
10 އޮގަސްޓް 2025 08:59
0

މިފްކޯ އިން އައްޑޫ ސިޓީގައި ގަންނަ މަސް، ހުވަދު އަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫއިން ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ކުންފުނިން ހާމަކުރި ގޮތުގައި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޓަކައި ސަރުކާރުގެ އެއްބާރުލުމާއެކު މަލްޓި ލެޓެރަލް ޑިވަލޮޕްމަންޓް ފައިނޭންސިންގ އިދާރާތަކުގެ މާލީ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރަމުންދެ އެވެ. މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި މަސް ގަތުމާއި ރައްކާކުރުމުގެ ވަސީލަތްތައް ފުޅާކުރުން ހިމެނެ އެވެ.

ރާއްޖޭގައި މަހަށް ވެލިއު އެޑް ކުރުމުގެ ފުރުސަތުތައް އިތުރުކުރުމަކީ ސަރުކާރާއި މިފްކޯގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކުންފުނިން ފާހަގަކުރި އެވެ. މި ލަނޑުދަނޑި ހާސިލް ކުރުމަށް ޓަކައި އައްޑޫ ސިޓީގައި މަހަށް ވެލިއު އެޑް ކުރުމުގެ ޚިދުމަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް މިފްކޯ އިން ބުނެ އެވެ.

އެހެން ނަމަވެސް މިފްކޯގެ އޮޕަރޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކުންފުނިން އިއުތިރާފުވި އެވެ. ޚާއްސަ ގޮތެއްގައި މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ، މެޝިނަރީ އަދި އިކުއިޕްމަންޓްތަކުގެ މަރާމާތާއި މެއިންޓަނަންސް ލަސްވުމުން ދަތިތަކެއް ދިމާވެފައިވާ ކަމަށް ކުންފުނިން ބުނެ އެވެ.

މި ދަތިތައް ހައްލުކުރުމަށް ޓަކައި، އެންމެ މުހިންމު މަރާމާތުތަކާއި ބަދަލު ކުރަންޖެހޭ ސްޕެއާ ޕާޓްސްތައް ހޯދުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ވަނީ ހާމަކޮށްފަ އެވެ. މި މަސައްކަތްތަކުގެ ސަބަބުން އައްޑޫގެ މަސްވެރިންނަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އާ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.