ތުރުކީން ހަދިޔާކުރި ކޯސްޓްގާޑު މަނަވަރު ރާއްޖެ ގެނެސްފި

ތުރުކީން ހަދިޔާކުރި ކޯސްޓްގާޑު މަނަވަރު ރާއްޖެ ގެނެސްފި

Author
ޙަސަން މުޙައްމަދު
09 އޮގަސްޓް 2025 07:29
0

ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތުރުކީ ސަރުކާރުން ހަދިޔާކުރާ މިސައިލް ބޯޓު ރާއްޖެ ގެނެސްފިއެވެ. މި ބޯޓަކީ ތުރުކީ ނޭވީގެ TCG ވޮލްކަން (P-343) ނަމުގައި ޚިދުމަތްކުރަމުން އައި، 1981 ވަނަ އަހަރު މޭ މަހު އެ ގައުމުގެ ނޭވީއަށް ނެރުނު ޑޯގަން ކްލާހުގެ އުޅަނދެކެވެ.

އެނގިފައިވާ ގޮތުގައި، މި އުޅަނދު ރާއްޖެ ގެނައީ ބޮޑެތި ކަނޑު އުޅަނދުފަހަރު އުފުލުމަށް ޚާއްސަކޮށްފައިވާ "ބްރޭކް ބަލްކް ކެރިއާ" އެއްގައެވެ. މިފަދަ އުޅަނދުތަކުގައި ސަބްމެރީން ފަދަ ކަނޑުއަޑީގައި ދުއްވާ އުޅަނދުތައް އުފުލުމުގެ ގާބިލުކަން ހުރެއެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މި ބޯޓު ހަދިޔާކުރާ ވާހަކަ ފުރަތަމަ ހާމަވީ މިދިޔަ އޭޕްރިލް މަހު ތުރުކީގެ ނޫސްތަކުންނެވެ. ދިވެހި ޑިފެންސް މިނިސްޓްރީން މި ކަން ރަސްމީކޮށް އިއުލާންކުރީ އޭޕްރިލް 12 ގައެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ޒިންމާދާރު މެންބަރެއްގެ ގޮތުގައި ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ސިފައިންނަށް ހޯދައިދިނުމާއި، ކޯސްޓްގާޑުގެ ގާބިލުކަން ދެގުނަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި މަނަވަރު ގެނައުމަކީ އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖަރުމަނީގެ ލާރްސަން ވާފްޓުން ފަރުމާކޮށްފައިވާ މި އުޅަނދަށް މިހާރު 44 އަހަރު ވެފައިވާއިރު، ފާއިތުވި އަހަރު ވަނީ ޓެސްޓުތަކާއި ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ. ތުރުކީ ނޭވަލް އިންސްޓިޓިއުޓުގެ މައުލޫމާތުގައިވާ ގޮތުން، އެ ގައުމުގެ ނޭވީގައި އަސްކަރީ މަނަވަރުތައް ރިޓަޔާކުރަނީ ޚިދުމަތުގައި 40 އަހަރު ވުމަށްފަހު، ފަސް އަހަރުގެ ތެރޭގައެވެ.

މި އުޅަނދު އޮޕަރޭޓުކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ތުރުކީވިލާތުގައި ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.