މީރާގެ ދެމުންދާ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް، އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކުރަނީ

މީރާގެ ދެމުންދާ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް، އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކުރަނީ

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2025 10:17
0

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކުރުމާއި އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު ޝަފްނީޒް ވިދާޅުވި ގޮތުގައި، މީރާގެ ކުރިއަށް އޮތް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އިދާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށެވެ. "ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ޒިންމާ، އެއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ހަރަދު ނުވަތަ މަސައްކަތް ވީހާވެސް ކުޑަވާނެހެން އިންތިޒާމްތައް ހަމަޖެއްސުން،" ޝަފްނީޒް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ޓެކްސް ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މީރާގެ ސިސްޓަމްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޝަފްނީޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މީރާގެ އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކޮށް، މަސައްކަތުގެ ހަރުދަނާކަން އިތުރުކުރެވޭނެ ގޮތްތައްވެސް މިހާރު ރޭވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ގިނަ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފޯރުކޮށްދެމުންދާ ކަމަށާއި، މީގެ ތެރޭގައި މައުލޫމާތު ސާފުކުރުމާއި ޓެކްސް ބަޔާން ހުށަހެޅުން ފަދަ ހިދުމަތްތައް ހިމެނޭކަން ޝަފްނީޒް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އިތުރަށް ފުރިހަމަ އަދި ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.