އެޗްޑީއެފްސީއިން ހޮލިޑޭ ހޯމް ފައިނޭންސިންގާއި ރަހުނަކާނުލާ ލޯނު ފެސިލިޓީ ތައާރަފުކޮށްފި

އެޗްޑީއެފްސީއިން ހޮލިޑޭ ހޯމް ފައިނޭންސިންގާއި ރަހުނަކާނުލާ ލޯނު ފެސިލިޓީ ތައާރަފުކޮށްފި

Author
ހުސައިން
07 އޮގަސްޓް 2025 03:11
0

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ރާއްޖޭގެ ހައުސިން މާކެޓަށް ދެ އާ ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ. މި ދެ ޕްރޮޑަކްޓަކީ ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ހޯމް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ 'ހޮލިޑޭ ހޯމް' ފައިނޭންސިންގާއި، ފަރުނީޗަރު ގަތުމާއި ގެދޮރު މަރާމާތުކުރުމަށް ހާއްސަކުރެވިފައިވާ 'ލައިޓް ފައިނޭންސިން' އެވެ.

ހޮލިޑޭ ހޯމް ފައިނޭންސިންގެ ދަށުން ކަސްޓަމަރުންނަށް ޗުއްޓީ ހޭދަކުރުމަށް ޚާއްޞަ ގެއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕްރޮޑަކްޓްގެ ޚާއްޞަ ފީޗަރެއްގެ ގޮތުގައި ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިމުގައި ވެސް ހޮލިޑޭ ހޯމް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެޗްޑީއެފްސީގެ މައުލޫމާތު ދިނުމުގައި ހޮލިޑޭ ހޯމްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބެޑްރޫމް، އެޓޭޗްޑް ލިވިންގް ރޫމް އަދި ކިޗަން ހިމެނޭ ގޮތަށް ފަރުމާކުރާ ތަންތަން ކަމަށެވެ. މިފަދަ ތަންތަނަކީ ޗުއްޓީ ހޭދަކުރުމަށް ޚާއްޞަކޮށް ހަދާ ތަންތަން ކަމަށާއި ކުއްޔަށް ދިނުމުގެ ފުރުޞަތު ވެސް ލިބޭނެ ތަންތަން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ފައިނޭންސިން ދޫކުރަނީ އަހަރަކު 12 ޕަސެންޓްގެ ރޭޓެއްގައި، ގިނަވެގެން 20 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށެވެ. މީގެ އިތުރުން ކުއްޔަށް ނަގާފައިވާ ބިމެއް ނުވަތަ އެހެން ބިމެއް ރަހުނުގެ ގޮތުގައި ބެހެއްޓުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. މި ފެސިލިޓީ ހޯދުމަށް ޝަރުޠު ހަމަވުމުގައި މުސާރައިގެ އިތުރުން ކުލިން ލިބޭ އާމްދަނީ އާއި ވިޔަފާރިން ލިބޭ އާމްދަނީ ވެސް ބަލައިގަންނާނެއެވެ.

އެޗްޑީއެފްސީއިން އަލަށް ތައާރަފުކުރި ދެވަނަ ޕްރޮޑަކްޓް ކަމަށްވާ ލައިޓް ފައިނޭންސިން އަކީ ފަރުނީޗަރު ގަތުމާއި ގެދޮރު މަރާމާތުކުރުމަށް ޚާއްޞަކުރެވިފައިވާ ފެސިލިޓީއެކެވެ. މިއީ އެ ކޯޕަރޭޝަނުން ރަހުނަކާ ނުލައި ދޫކުރަން ފަށާ ފުރަތަމަ ފައިނޭންސިން ޕްރޮޑަކްޓް ކަމުގައި ވާއިރު، ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ސަބް ޕްރޮޑަކްޓެއްގެ ގޮތުގައި ތައާރަފުކުރެވުނު އެއްޗެކެވެ.

ކަބަޑު ސެޓު ބަދަލުކުރުމާއި ސޯފާ ގަތުން ފަދަ ކަންކަމަށް ފަސޭހައިން ރަހުނަކާ ނުލައި ނެގޭނެ މި ފައިނޭންސިން ދޫކުރަނީ އަހަރަކު 15 ޕަސެންޓްގެ ރޭޓެއްގައި، ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ދެއްކޭ ގޮތަށެވެ. ވިދިވިދިގެން 12 މަސްދުވަސް މުސާރަ ޖަމާވާ ފަރާތްތަކަށް ދޫކުރާ މި ފެސިލިޓީއިން 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނެގޭނެއެވެ. މި ފައިނޭންސިން ލިބޭނީ އެޗްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން މުސާރަ ޖަމާކުރާ ނަމައެވެ.

އެޗްޑީއެފްސީއިން ހާމަކޮށްފައިވާ ގޮތުގައި ލައިޓް ފައިނޭންސިންގެ އިސްލާމިކް ފައިނޭންސިން އޮޕްޝަނެއް ވެސް ވަރަށް އަވަހަށް ތައާރަފުކުރުމަށް ތައްޔާރުވަމުން ދާކަމަށެވެ. މި ދެ އާ ޕްރޮޑަކްޓް ތައާރަފުކުރުމުން ރާއްޖޭގެ ހައުސިން މާކެޓުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.