ހުޅުމާލޭގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި

ހުޅުމާލޭގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި

Author
ހުސައިން
06 އޮގަސްޓް 2025 08:38
0

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ފޭސް 1 ގައި ގާއިމުކުރި "އެސްޓީއޯ ފާމަސީ ސެންޓްރަލް" އިއްޔެ ހުޅުވައިފި އެވެ. މިއީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހުރި ސަރަހައްދުގައި އަލަށް ތަރައްގީކޮށްފައިވާ ފާމަސީއެކެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި އިއުލާނުކުރެއްވި ފަދައިން، މި ފާމަސީ ގާއިމުކުރުމުގެ ބޭނުމަކީ ހުޅުމާލޭގެ އާބާދީއަށް ސިއްހީ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމެވެ. އާބާދީ އިތުރުވަމުންދާ ހުޅުމާލޭގައި މިފަދަ ޚިދުމަތްތަކުގެ ބޭނުން ބޮޑުވަމުންދާތީ، މި ފާމަސީ ހުޅުވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.

އާ ފާމަސީން ޑޮކްޓަރީ ބޭސްތަކާއި މެޑިކަލް ސާމާނުގެ އިތުރުން، ކުޑަކުދިންގެ ނެޕީ، ރީތިވުމުގެ ސާމާނު، ނެބިއުލައިޒާ އަދި އެހެނިހެން ސިއްހީ ތަކެތި ގަންނަން ލިބޭނެއެވެ. މީގެއިތުރުން ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ނަގުދު ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ހަމައެއާއެކު އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތައް ބޭނުންކޮށްގެން ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސޭނެ މަގުވެސް ފަހިވެފައިވާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯ ފާމަސީ ސެންޓްރަލް ކޮންމެ ދުވަހަކު ހެނދުނު 8:00 ން 12:00 އާ ދެމެދު ހުޅުވިފައި ހުންނާނެއެވެ. މި ވަގުތުތަކުގައި ތަޖުރިބާކާރު ފާމަސިސްޓުންނާއި މުވައްޒަފުން ތިބެގެން ކަސްޓަމަރުންނަށް ބޭނުންވާ އިރުޝާދާއި މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ޔަގީންދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.