އެޑިއުކޭޝަން އޮޑިޓް 2017: މަޝްރޫޢުތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ވަނީ އަމަލުކޮށްފަ

އެޑިއުކޭޝަން އޮޑިޓް 2017: މަޝްރޫޢުތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ވަނީ އަމަލުކޮށްފަ

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 09:06
0

އެޑިއުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރު ބައެއް މަޝްރޫޢުތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާޙައުލެއްގެ ތެރެއިން، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެމަތިންކަން ޔަގީންކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައި ވީނަމަވެސް، ބައެއް މަޝްރޫޢުތައް ހިންގުމުގައި  އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން، ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް، 2016 ވަނަ އަހަރު، 4 މަޝްރޫޢުއެއްގެ މަސައްކަތް، ޖުމްލަ 48,462,513 (ސާޅީސް އަށް މިލިޔަން ހަތަރު ސަތޭކަ ފަސްދޮޅަސްދެހާސް ފަސް ސަތޭކަ ތޭރަ) ރުފިޔާއަށް، ސްވިފްޓް އިންޖިނިއަރިންއާ ޙަވާލު ކުރުމަށްފަހު، 2017 ވަނަ އަހަރު އެ މަޝްރޫޢުތަކުގެ އެއްބަސްވުން ބާތިލު ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އެންގުމުން، އެއްބަސްވުންތައް ބާތިލްކޮށްފައިވާކަމަށެވެ.

އަދި އެ މަޝްރޫޢުތައް ބާތިލް ކޮށްފައިވާ މައްސަލަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން (އޭ.ޑީ.އާރް) ކޮމިޓީ އަށް 2019 ވަނަ އަހަރު ހުށަހެޅުމުން، އެއްބަސްވުންތައް ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ސްވިފްޓް އިންޖިނިއަރިންއަށް އެ ޕްރޮޖެކްޓެއް ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އެ ކޮމިޓީއިން ނިންމާފައިވާކަމަށެވެ.

އެކަށީގެންވާ ސަބަބެއްނެތި އެއްބަސްވުންތައް ބާތިލުކޮށްފައިވުން:

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފ. އަތޮޅު ތައުލީމީ މަރުކަޒާއި ޅ. ނައިފަރު މަދްރަސަތުން އިފްތިތާހާއި ލ. މާވަށު ސްކޫލާއި ދ. ކުޑަހުވަދޫ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް، 2016 ވަނަ އަހަރު ސްވިފްޓް އިންޖިނިއަރިންއާ ހަވާލު ކުރުމަށްފަހު، އެ މަޝްރޫޢުތަކުގެ އަގު ބޮޑުކަން ފާހަގަކޮށް، 2017 ވަނަ އަހަރު އެ އެއްބަސްވުންތައް ބާތިލުކޮށްފައިވާއިރު، އަގު ބޮޑުވުމަކީ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމެއްކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާ، ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ކަމަށްވާއިރު، އަގުބޮޑު ކަމަށްބުނެ އެ މަޝްރޫޢުތައް ބާތިލު ކުރަން އަންގާފައިވަނީވެސް އެ މިނިސްޓްރީއިން ކަމުގައެވެ.

މިފަދަ ޕްރޮޖެކްޓް ތަކަކީ އާންމުކޮށްވެސް ޓެންޑަރ އިވެލުއޭޝަން ބޯޑުން ނިންމައިގެން ހަވާލުކުރާ ޕްރޮޖެޓްތަކަކަށްވާއިރު، ބިޑް އިވެލުއޭޝަން މަރުހަލާގައި މިކަން ފާހަގަ ކޮށްފައެއް ނުވެއެވެ. އަދި ހުށަހަޅާފައިވާ ބިޑުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްނަމަ، އެ މަޝްރޫޢުތައް އެ ކުންފުންޏާ ހަވާލު ކުރުމަކީ
ޒިންމާދާރު ނިންމުމެއް ނޫންކަން ފާހަގަކުރަމެވެ. އަދި ކޮންޓްރެކްޓް ބާތިލުކުރި ތާރީޚާ ހަމައަށް، މަސައްކަތުގެ އަގާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެ ކުންފުންޏަށް، 4,508,049 (ހަތަރު މިލިޔަން ފަސް ސަތޭކަ އަށް ހާސް ސާޅީސް ނުވަ) ރުފިޔާ ދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެކަށީގެންވާ ޕްލޭނެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވުން:

ޅ. ނައިފަރު މަދުރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމާއި ސްޓާފްރޫމަކާއި އަދި އޭވީ ރޫމެއް އިމާރާތްކުރުމުގެ މަސައްކަތާއި، ލ. މާވަށު ސްކޫލްގައި 15 ކުލާސްރޫމާއި އަދި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރިއިރު އިމާރާތުގެ ސްޓްރަކްޗަރ ތައްޔާރުކުރުމަށް ނިންމާފައިވަނީ ކޮންކްރީޓް ކޮށްގެންކަމަށާއި، ނަމަވެސް، 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް، ޕްރީ ފެބްރިކް ސްޓަރަކްޗަރ ބޭނުންކޮށްގެން އިމާރާތުގެ ސްޓްރަކްޗަރ ތައްޔާރުކުރުމަށް ނިންމައި، ހަމަ އެއަހަރު އެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އާ ހަވާލުކޮށް، އެޑްވާންސް ފައިސާގެ ގޮތުގައި 2,789,699 (ދެ މިލިޔަން ހަތް ސަތޭކަ އައްޑިހަ ނުވަ ހާސް ހަ ސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާ އެކުންފުންޏަށް ދައްކާފައިވާކަމަށެވެ.

އަދި 2018 ވަނަ އަހަރު އެ ކުންފުނި އުވާލަން ސަރުކާރުން ނިންމުމުން، ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތް އޭ.އައި.އެމް ކޮންސްޓްރަކްޝަންއަށް، އަދި މަދްރަސަތުލް އިފްތިތާހުގެ މަސައްކަތާއި ލ. މާވަށު ސްކޫލުގެ މަސައްކަތް ވިލުކޮޅު މޯލްޑިވްސް އާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް، އެމް.އާރު.ޑީ.ސީ އަށް ދޫކުރި އެޑްވާންސް ފައިސާ އަނބުރާ ހޯދާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި 2019 ވަނަ އަހަރު، ވިލުކޮޅު މޯލްޑިވްސްއާ ހަވާލުކުރި ޕްރޮޖެކްޓްތަކުގެ އެއްބަސްވުން ބާތިލުކޮށް، އަލުން އެ ދެ ޕްރޮޖެކްޓް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވާއިރު، އިމާރާތުގެ ސްޓްރަކްޗަރ ކޮންކްރީޓް ކޮށްގެން ތައްޔާރުކު ވިލުކޮޅު މޯލްޑިވްސްގެ އެއްބަސްވުން ބާތިލް ކުރިއިރު، ނައިފަރު މަދަރުސަތުލް އިފްތިތާހުގެ މަސައްކަތުގެ %54 ނިމިފައިވާކަމަށާއި، ލ. މާވަށު ސްކޫލްގެ މަސައްކަތުގެ %57 ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހިސާބުތަކުން ދައްކާ ކަމަށެވެ.

އަދި އެ މަސައްކަތްތަކަށް އެހާތަނަށް ޖުމްލަ 10,322,020 (ދިހަ މިލިޔަން ތިން ސަތޭކަ ބާވީސް ހާސް ވިހި) ރުފިޔާ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޚަރަދު ކޮށްފައިވާކަމަށެވެ. އަދި ވިލުކޮޅު މޯލްޑިވްސްއިން ޕްރީ ފެބްރިކް ސްޓަރަކްޗަރ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އިމާރާތް ތަޅާލުމަށް ނިންމައި އެ
މަސައްކަތް ކުރުމަށް ޖުމްލަ 832,100 (އަށް ސަތޭކަ ތިރީސް ދެ ހާސް އެއް ސަތޭކަ) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓިގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ގެ ނުވަތަ އޭ.ޑީ.އާރް ކޮމިޓީ ގެ ހުއްދަ ހޯދުމަކާނުލައި، މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނެސް، އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި މަޝްރޫޢު ހަވާލުކޮށްފައިވުން 2016 ވަނަ އަހަރު ހަވާލުކޮށްފައިވާ 4 މަޝްރޫޢުއެއް ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ސްވިފްޓް އިންޖިނިއަރިންއަށް، 2019 ވަނަ އަހަރު ހަވާލުކުރި 5 މަޝްރޫއެއްގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މ. ކޮޅުފުށީ ސްކޫލްގެ މަސައްކަތުގެ ސްކޯޕް ބަދަލުވުމުގެ (އެ މަސައްކަތަށް 3 ކްލާސް ރޫމް އިތުރުކޮށް، ޖުމްލަ 8 ކްލާސް ރޫމަށް ބަދަލުކުރުމުގެ) ސަބަބުން އެ މަސައްކަތުގެ އަގު އަންދާޒާ ކުރި އަގަށްވުރެ އިތުރުވާތީއާއި، އަދި އެ ފަރާތާ ހަވާލުކޮށްގެން އެ މަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ ދައުލަތަށް 7,811,405 (ހަތް މިލިޔަން އެގާރަ ހާސް ހަތަރު ސަތޭކަ ފަހެއް) ރުފިޔާ ގެ ގެއްލުމެއް ލިބޭނެތީ، އެ ޕްރޮޖެކްޓުގެ ބަދަލުގައި ސ. އަތޮޅު މަދަރުސާގައި 5 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރުމާމެދު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަކަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވި ސިޓީގައި، އޭ.ޑީ.އާރް ކޮމިޓީއިން ނިންމަވާފައިވާ ގޮތް ބަދަލުކުރައްވަން އެދިވަޑައިގަންނަވާނަމަ، އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން އެ ކޮމިޓީއަށް ހުށަހަޅުއްވައި ކޮމިޓީގެ ނިންމެވުމާ އެއްގޮތަށް ކުރިއަށް ގެންދަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ބަޔާންކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެެވެ.

މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނައުމަށް އޭ.ޑީ.އާރު ކޮމިޓީން ހުއްދަ ދީފައިނުވި ނަމަވެސް، މ. ކޮޅުފުށީ ސްކޫލްގެ މަސައްކަތުގެ ސްކޯޕް ބަދަލުކޮށް، އެ ސްކޫލުގައި 8 ކްލާސްރޫމާއި އަދި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް 14,138,250 (ސާދަ މިލިޔަން އެއް ސަތޭކަ ތިރީސް އަށް ހާސް ދުއިސައްތަ ފަންސާސް) ރުފިޔާއަށް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ކުރިން ނޭޝަނަލް ޓެންޑަރ ބޯޑުން މ. ކޮޅުފުށީ ސްކޫލުގައި 8 ކްލާސްރޫމާއި އަދި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެމަސައްކަތަށް ބިޑު ހުށަހެޅި ކުންފުނިތަކުގެތެރެއިން، ކުންފުންޏަކަށް، ޖުމްލަ 7,669,098 (ހަތް މިލިޔަން ހަ ސަތޭކަ ފަސްދޮޅަސް ނުވަ ހާސް ނުވަދިހަ އަށެއް) ރުފިޔާއަށް އެމަސައްކަތް ހަވާލުކުރުމުގެ ކަންކަން ނޭޝަނަލް ޓެންޑަރ ބޯޑުން ކުރިއަށް ގެންގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އޭ.ޑީ.އާރް ކޮމިޓީ ގެ ހުއްދަ ހޯދުމަކާނުލައި، މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނެސް، މ. ކޮޅުފުށީ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައިކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.