އައިޖީއެމްއެޗްގައި 2017 ވަނަ އަހަރު އާންމުން ބޭނުން ކުރުމަށް ހެދި ފާހާނާ ބަރިއާއި، އެކްރޭ ރޫމް ހެދުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ދޮޅު މިލިއަނަށްވުރެ ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ، ޓެންޑާ ބޯޑަށް ހުށަހަޅައިގެންކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ފާހާނާ ބަރި އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.
މި މަސައްކަތް ކުރުމަށް ކުރި އިޢުލާނުތައް ބާތިލު ކުރުމަށްފަހު ތިން ކޯޓޭޝަން ހޯދައިގެން އެއިގެ ތެރެއިން އެންމެ އަގު ހެޔޮ ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެއިގެ ތެރެއިން ދެ ފަރާތަކީ ގުޅުންހުރި ދެ ފަރާތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެ ދެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އެއްބައެއް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމާއި، ވާދަވެރި އަގުތަކެއްކަމަށް ބެލެވެން ނެތްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނި ފާޚާނަ ބަރި އެޅުމަށް ކޮށްފައިވާ ފަސް އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު، މުޅިއެކު ހަތް ފާޚާނާ ހިމެނޭ ގޮތަށް ދެ ފާޚާނަ ބަރި އެޅުމަށް އެވްރެޖުކޮށް ހުށަހަޅާފައިވާ އަގަކީ ޖުމުލަ 2,549,901 (ދެ މިލިއަން ފަސް ސަތޭކަ ސާޅިސް ނުވަ ހާސް ނުވަ ސަތޭކަ އެކެއް) ރުފިޔާކަމަށެވެ. އެ އިޢުލާނުތައް ބާތިލު ކުރުމަށްފަހު، މުޅިއެކު ހަތް ފާޚާނާ ހިމެނޭގޮތަށް، އެއް ފާޚާނާ ބަރި އެޅުމަށް ތިން ފަރާތުން އަގު ހޯދައިގެން އެއިގެ ތެރެއިން އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތަށް މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމުލަ 3,498,491 (ތިން މިލިއަން ހަތަރު ސަތޭކަ ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ނުވަދިހަ އެކެއް) ރުފިޔާއަށެވެ. އަދި މަސައްކަތުގެ ވޭރިއޭޝަންގެ ގޮތުގައި %35 އިތުރުކޮށް ޖުމުލަ 4,801,599 (ހަތަރު މިލިއަން އަށް ސަތޭކަ އެއް ހާސް ފަސް ސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.
ފާހާނަ ބަރިތައް ހެދުމުގައި ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް އެޑްވާންސް ފައިސާ ދީފައިވާންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަސައްކަތުގެ އަގު ތަކެތީގެ އަގާއެކު 100,000 (އެއް ސަތޭކަ ހާސް) ރުފިޔާ އަށް ވުރެ ބޮޑުވާނަމަ މަސައްކަތް ހަވާލުވާތާ 1 ހަފްތާގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، މަސައްކަތުގެ ޖުމުލަ އަގުގެ %15 އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) ގެ 8.23 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތުގެ ޖުމުލަ އަގުގެ %30 އަށް ޖުމުލަ 990,139 (ނުވަ ސަތޭކަ ނުވަދިހަ ހާސް އެއް ސަތޭކަ ތިރީސް ނުވައެއް) ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިގޮތަށް އެޑްވާންސް ފައިސާ ދޫކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ އެ މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ރިޕޯޓުގައި އައިޖީއެޗްގެ އެކްރޭ ރޫމްގައި ކޮށްފައިވާ މަސައްކަތްތަކުގައިވެސް މާލިއްޔަތު ގަވާއިދާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް މަސައްކަތް ހަވާލުކޮށްފައިނުވުން މަސައްކަތުގެ އަގު (ތަކެތީގެ އަގާއި އެކު) 1,500,000 (އެއް މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ، އެމަސައްކަތާބެހޭ ކުރެހުންތަކާއި ތަފްސީލުތައް، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެންކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) ގެ 8.25 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް މިމަސައްކަތް ކުރުމަށް ޖުމްލަ 3,860,671 (ތިން މިލިއަން އަށް ސަތޭކަ ފަސްދޮޅަސް ހާސް ހަ ސަތޭކަ ހަތްދިހަ އެކެއް) ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާއި ހަވާލުކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުވެސް ކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް 10 ޕަސެންޓް 310,050 (ތިން ސަތޭކަ ދިހަ ހާސް ފަންސާސް) ރުފިޔާ އެޑްވާންސްގެ ގޮތުގައި ދީފައިވަނީ ކީއްވެގެން ކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އޮޑިޓަރުންނަށް ފޯރުކޮށްދީފައި ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީދެ މައްސަލައިގެ އިތުރުންވެސް މި ރިޕޯޓުގައިވަނީ ބައެއް ތަކެތި ހޯދުމައާއި، މާލީ ބައެއް ޚަރަދު ކުރުމުގައި މާލިއްޔަތު ގަވާއިދާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ