މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަރާތްތަކަށް ޓްރެފިކް ގަވާއިދުތަކާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޚާއްޞަ އިލްތިމާސެއް ކޮށްފިއެވެ.
އާ ޓާމިނަލް ހުޅުވުމާ ގުޅިގެން އެއާޕޯޓުގެ ހަރަކާތްތައް ބޮޑަށް އިތުރުވެފައިވާ މި ވަގުތު، ދަތުރުވެރިންނާއި އެއާޕޯޓް ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަވާއިދުތަކަށް ތަބާވުމުގެ މުހިންމުކަން އެމްއޭސީއެލްއިން ވަނީ ބާރުއަޅުއްވާފައެވެ.
އެކުންފުނިން "އެކްސް" ޕްލެޓްފޯމްގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެއާޕޯޓުގައި ދުއްވާ އުޅަނދުތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ޓްރެފިކް ގަވާއިދުތަކަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އުޅަނދުތަކުގައި ފަސިންޖަރުންނަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރު މީހުން ނުއުފުލުމަށާއި، އެއާޕޯޓް ސެކިއުރިޓީ އޮފިސަރުންގެ އިރުޝާދުތަކަށް ތަބާވުމަށްވެސް އެމްއޭސީއެލްއިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.
"ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމަކީ އެއާޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއް" ކަމުގައި އެމްއޭސީއެލްއިން ވިދާޅުވެއެވެ.
މިދިޔަ މަހުގެ 26 ގައި ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވިފައިވާއިރު، އޮޕަރޭޝަންތައް ފެށުނީ ޖެހިގެން އައި ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ. އާ ޓާމިނަލް ހުޅުވިގެން ދިއުމާއެކު އެއާޕޯޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ބޮޑަށް އިތުރުވެ، ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
މި ބަދަލުތަކާ އެކު، ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަކީ އެއާޕޯޓުގެ މާހައުލު ހަމަޖެހި، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި އެމްއޭސީއެލްއިން ބުނެއެވެ. އެކުންފުނިން އުންމީދު ކުރަނީ އެއާޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކުން މި އިލްތިމާސަށް އިޖާބަދީ، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ