މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 46.8 ޕަސަންޓް އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ އެޕްރީލް، މެއި އަދި ޖޫން މަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން 348.58 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ލިބުނީ 268.26 މިލިއަން ޑޮލަރެވެ. މިއީ 80.32 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ޑޮލަރުން ލިބޭ އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ އެންމެ މުހިންމު ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ 11.4 ޕަސަންޓް ކުރިއަރާފައިވުމެވެ. މީގެ އިތުރުން ޖެނުއަރީ އަދި ޑިސެމްބަރު މަހު ސަރުކާރުން ގެނައި ޓެކްސް ބަދަލުތަކުގެ ސަބަބުން ވެސް ޑޮލަރުގެ އާމްދަނީ ބޮޑުވެފައިވެއެވެ.
ޓީޖީއެސްޓީއިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 176.57 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 140.73 މިލިއަން ޑޮލަރެވެ. މިއީ 25.5 ޕަސަންޓްގެ އިތުރުވުމެކެވެ. އެންމެ ބޮޑު އިތުރުވުމެއް ފެނިފައިވަނީ ގްރީން ޓެކްސްއިން ލިބުނު އާމްދަނީގައެވެ. ގްރީން ޓެކްސްއިން މި އަހަރު 38.72 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ އެންމެ 16.64 މިލިއަން ޑޮލަރެވެ. މިއީ 132.7 ޕަސަންޓްގެ އިތުރުވުމެކެވެ.
ޓޫރިޒަމް ބިމު ކުއްޔަށް މި އަހަރު 33.41 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 27.41 މިލިއަން ޑޮލަރެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި އަހަރު 30.58 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 19.66 މިލިއަން ޑޮލަރެވެ. ޑިޕާޗާ ޓެކްސްއިން މި އަހަރު 30.43 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 19.39 މިލިއަން ޑޮލަރެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތިން މަހަށް ވަކިވަކިން ބަލާއިރު، އެންމެ ގިނައިން ޑޮލަރު ލިބިފައިވަނީ އެޕްރީލް މަހުއެވެ. އެ މަހު 127.14 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނީ 92.50 މިލިއަން ޑޮލަރެވެ. މެއި މަހު 104.71 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 66.95 މިލިއަން ޑޮލަރެވެ. ޖޫން މަހު 116.73 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 78.03 މިލިއަން ޑޮލަރެވެ.
ޑޮލަރުން ލިބޭ އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާ ކުރިއެރުމާއެކު، ބައެއް ޓެކްސް ރޭޓުތައް މަތިކުރުމުގެ ސަބަބުންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ޑިސެމްބަރު 2024 ގައި ބަދަލުކުރުމާއި، ގްރީން ޓެކްސް ރޭޓް ޖެނުއަރީ 2025 ގައި ބޮޑުކުރުމުގެ ސަބަބުން ޑޮލަރުގެ އާމްދަނީގައި ބޮޑު އިތުރުވުމެއް ފެނިފައިވެއެވެ.
ކޮމެންޓު ފޮނުވާ