އދ. ގެ ނިއުޔޯކް މަރުކަޒުގައި ބޭއްވި ހައި ލެވެލް ބައިނަލްއަގުވާމީ ކޮންފަރެންސްގައި ނެރުނު ނިއުޔޯކް ޑެކްލަރޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ފާހަގަ ކުރެއްވިގޮތުގައި މި ޑެކްލަރޭޝަނަކީ ދާއިމީ ސިޔާދަތާއެކު ފަލަސްތީނުގެ ދައުލަތެއް އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ގަބޫލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު ލިބިފައިވާކަން ދައްކުވައިދޭ އެންމެ މުހިންމު ލިޔުމެކެވެ.
މި ޑެކްލަރޭޝަން ސިފަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ މުޖުތަމައުން ދެއްވާ ވަރުގަދަ ވައުދެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނުގެ މުސްތަގުބަލަށް ކަނޑައަޅާފައިވާ މުހިންމު އަމާޒެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
"މިއީ އިޒްރޭލުން މިވަގުތު ކުރަމުންދާ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށް، ދެމެހެއްޓެނިވި އަމާންކަމެއް ގާއިމުކުރުމަށް އެހީތެރިވުމާއި، ފަލަސްތީނުގެ އިގްތިސާދު ހަރުދަނާކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދެއްވާފައިވާ ވަރުގަދަ އިލްތިޒާމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުމެ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަލުން އިތުރަށް ދެއްވާފައިވެ އެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ ކުރިއަށްވެސް ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ