ފްލެޓް ކުލި ނުދެއްކުމުން އަހަރަކު 900 މިލިއަން ރުފިޔާ ގެއްލޭ: 5614 ފްލެޓުން ކުލި ނުލިބޭ

ފްލެޓް ކުލި ނުދެއްކުމުން އަހަރަކު 900 މިލިއަން ރުފިޔާ ގެއްލޭ: 5614 ފްލެޓުން ކުލި ނުލިބޭ

Author
ޙަސަން މުޙައްމަދު
22 ޖުލައި 2025 07:52
0

ދައުލަތުގެ ސޯޝަލް ހައުސިންގ މަޝްރޫއުތަކުން ދިގު މުއްދަތަށް ބަހާލައިގެން ދޫކުރި ފްލެޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަހަރަކު 900 މިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ލިބޭކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ސަންގުން" ކުރި ސުވާލަކަށް އެޗްޑީސީން ދިން ޖަވާބުގައި ވަނީ، ސޯޝަލް ހައުސިންގ ޕްރޮގްރާމުގެ ދަށުން ދިގު މުއްދަތަށް ބަހާލައިގެން އަގު ދެއްކޭ ގޮތަށް ދޫކުރި ޖުމްލަ 8303 ފްލެޓުގެ ތެރެއިން 5614 ފްލެޓުން ގަވާއިދުން ކުލި ނުލިބޭކަމަށް ބަޔާންކޮށްފައެވެ. މި ހިސާބުތަކަކީ މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް އެއްކުރެވުނު މައުލޫމާތެވެ.

ގަވާއިދުން ކުލި ދައްކަމުންދާ ފްލެޓުގެ އަދަދަކީ 2689 ކަމަށާއި، މިހާތަނަށް އަގު ދައްކާ ނިމި އަމިއްލަ މިލްކިއްޔާތަށް ބަދަލުވި ފްލެޓުގެ އަދަދަކީ 139 ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.

ކުލި ނުދެއްކުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޗްޑީސީން ވަނީ ކޮންމެ ތިން މަހުން ޕޭމަންޓް އެޑްވައިސް ނަމުގައި ނޯޓިސް ދިނުން ފަށާފައެވެ. އަދި ހުޅުމާލޭގެ ފްލެޓުތަކުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކުންފުނިން ބުނެއެވެ.

ނަމަވެސް ބައެއް ފްލެޓު ވެރިން މިހާތަނަށް އެއްވެސް ޕޭމަންޓެއް ހަދާފައިނުވާއިރު، އެފަދަ ޙާލަތްތަކުގައި ފްލެޓު އަނބުރާ ނެގުމުގެ ޤާނޫނީ އިޚްތިޔާރު ލިބިގެން އޮތްނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މި މައްސަލަ ބޮޑުވެފައިވާތީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެޗްޑީސީން ނިންމާފައިވާކަމަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.