ސްޓޫޑެންޓް ލޯނު ޝަރުތު ހަމަވި 806 ދަރިވަރުންނަށް ވެސް ލޯނު ދޭން ރައީސް ނިންމަވައިފި

ސްޓޫޑެންޓް ލޯނު ޝަރުތު ހަމަވި 806 ދަރިވަރުންނަށް ވެސް ލޯނު ދޭން ރައީސް ނިންމަވައިފި

Author
ހުސައިން
22 ޖުލައި 2025 07:51
0

ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން މި އަހަރު ކުރިމަތިލި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މި ނިންމުން އެމަނިކުފާނު ހާމަކުރެއްވީ އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓަކުންނެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ މި ލޯނު ސްކީމުގެ ދަށުން މި އަހަރު ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި އެވެ. މީގެ ތެރެއިން ޝަރުތު ހަމަވާ 806 ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު ނެރެފައިވާއިރު، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ގޮތުން ވަގުތީ ލިސްޓުގައި ހިމެނޭ 806 ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ ކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. މިއީ ސަރުކާރުން ކަނޑައެޅި 500 ގެ އަދަދަށް ވުރެ 306 ދަރިވަރުން އިތުރު އަދަދެކެވެ.

ވަގުތީ ލިސްޓާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ދަރިވަރުންނަށް އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުގައި ލިސްޓުގައި ނުހިމެނޭ ދަރިވަރުން ނުވަތަ އެހެނިހެން މައްސަލަތައް ހުރި ފަރާތްތަކަށް އެ ކަންކަން ހުށަހެޅޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.