ނ. މާފަރުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޒަމާނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކުރި ނިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވިއެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން މާފަރުގައި އެޅިފައިވާ ފެން ޕްލާންޓާއި، ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފެށިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ތެރޭގައި ފެން ރައްކާކުރުމަށް ޓަކައި ތާންގިތައް ގާއިމުކޮށް، ރަށުގެ އެކި ސަރަހައްދުތަކަށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އެޅުމުގެ މަސައްކަތް ފުރިހަމަކޮށްފައިވެއެވެ. މީގެ އިތުރުން ގޭބިސީތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ނިމިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ނަރުދަމާ ނިޒާމު ފުރިހަމަކުރުމުގެ ގޮތުން ޕަންޕިންގ ސްޓޭޝަންތައް ގާއިމުކޮށް، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އެޅުމުގެ މަސައްކަތްތައް ވެސް ފުރިހަމަކޮށްފައިވާކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރިއެވެ.
މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ބޭނުންވާ އާލާތްތަކާއި، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ވެސް ހިންގާފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި މަޝްރޫއު ފުރިހަމަވުމުން މާފަރުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމާއެކު، ނަރުދަމާގެ ޚިދުމަތުން ޞިއްޙީ ގޮތުން ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ