ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، އެއާޕޯޓުގެ ކާރު ކިއު އާއި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކާރުތައް މަޑުކުރާ ސަރަހައްދު މާދަމާއިން ފެށިގެން ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފިއެވެ.
އެމްއޭސީއެލުން މިއަދު ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ހުޅުލޭގެ ދެކުނު ފަރާތުގައި މިހާރު ހުރި ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރާނެ ކަމަށެވެ. މި އާ ސަރަހައްދުގައި ކިއު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިންނެވެ.
މި ބަދަލާ ގުޅިގެން ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ކާރުތައް މަޑުކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށް އެމްއޭސީއެލުން ހާމަކޮށްފައިވެއެވެ. އޭގެ ބަދަލުގައި، ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކާރުތައް މަޑުކުރަންޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައެވެ.
މީގެ އިތުރުން، އެއާޕޯޓަށް ދަތުރުކުރާ އެމްޓީސީސީގެ ބަސްތައް މަޑުކުރެވޭނީ ހަމައެކަނި ކޯޕަރޭޓް އޮފީސް ފަހަތު ބައިގައި ހުންނަ ބަސް ހުއްޓި ގައި ކަމަށްވެސް އެ ކުންފުނިން އަންގާފައިވެއެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެ ކަމަށް ބޭނުންވާ ތައްޔާރީތައް އެމްއޭސީއެލުން ވަރަށް ބާރަށް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ބަދަލުތަކަކީ އާ ޓާމިނަލް ހުޅުވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންސް ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ބައެއް ކަމަށް އެމްއޭސީއެލުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ