ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރިއެވެ. މި ބަދަލުތައް އަމަލުކުރަން ފަށާނީ މިރޭ 12:00 ގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ފަރާތުން ބުނެފައިވަނީ، ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުން ކާރުގައި އައިސް މަޑުކުރަމުން އައި ސަރަހައްދު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދެ ބާވަތުގެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކުންވެސް މިހާރު ކާރުން އައިސް ފައިބާންޖެހޭނީ އިންޓަރނޭޝަނަލް ޑިޕާޗާ އޭރިއާގައި ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެއަރޕޯޓަށް އަންނަ ފަސިންޖަރުންނަށް ޓެކްސީ ހޯދުމަށް ދާންޖެހޭ ތަންވެސް ބަދަލުވެފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކުން މާލެ އަންނަ ފަރާތްތަކުން ޓެކްސީ ހޯދަން ޖެހޭނީ ކުރީގެ ކާރގޯ އޭރިއާއިން ކަމަށާއި، އެ ސަރަހައްދުގައި ފަސިންޖަރުންނަށް ފަސޭހައިން ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
އެމްއޭސީއެލްގެ އިސްވެރިޔަކު ވިދާޅުވީ "ޓްރެފިކް ފްލޯއަށް މި ގެނެވުނު ބަދަލާއެކު، ފްލައިޓު މޫވްމަންޓްތަކާ ގުޅިގެން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެދާނެކަމަށް އަންދާޒާކުރެވޭ. ނަމަވެސް ހިދުމަތް ހޯދާ ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އިންތިޒާމުތައް ރާވާލެވިފައިވޭ" ކަމަށެވެ.
މިދުވަސްވަރަކީ އުމްރާ އަދާކުރުމަށް ގިނަ މީހުން ދަތުރުކުރާ ވަގުތަކަށްވާތީ، އެއަރޕޯޓަށް ދިއުމަށް އިތުރު ވަސީލަތްތައް ހަމަޖައްސާފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. މާލެއިން އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ހެންވޭރު އެމްޓީސީސީ ފެރީ ޓާރމިނަލުން ފެރީގެ ހިދުމަތް ލިބޭނެ ކަމަށާއި، ހުޅުމާލެއިން އަންނަ ފަރާތްތަކަށް އެމްޓީސީސީ ބަސް ސަރވިސް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް ދުވަސްތަކެއް ބާކީ އޮތް އިރު، އެކި ސިސްޓަމްތައް ޓެސްޓުކޮށް ޓްރައަލް ރަންތައް ކުރިއަށް ގެންދާކަން އެމްއޭސީއެލްއިން ހާމަކުރިއެވެ. އައު ޓާރމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ ޖުލައި 26 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ