ސައްހަ ނޫން ބޭންކް ޓްރާންސްފަރ ސްލިޕްތައް ބޭނުންކޮށްގެން އެކި ފިހާރަތަކުން މުދާ ގަތުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމަފިރިން ކަމަށްވާ ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އާއި ބަންގްލަދޭޝްގެ އަފްރިން އަކްތަރު (30އ) ފުލުހުން ދޫކޮށްލައިފި އެވެ.
މިދިޔަ ޖޫން 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މި ދެ މީހުންގެ ތެރެއިން ޒައިދާންއަކީ މީގެ ކުރިންވެސް ސްކޭމް މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ގެއްލުންވި 80،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ތަހުގީގުގެ ތެރެއިން ހޯދައި، އޭގެ ވެރިފަރާތްތަކަށް އަނބުރާ ދޫކޮށްފައިވެ އެވެ. މި ފައިސާއަކީ އެކި ފިހާރަތަކަށް ސައްހަ ނޫން ޓްރާންސްފަރ ސްލިޕްތައް ފޮނުވައިގެން، އެ ފިހާރަތަކުން ނަގާފައިވާ މުދަލުގެ އަގު ކަމަށް ފުލުހުން ބުންޏެވެ.
މި އަހަރުގެ މެއި މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން މުދާ ގަނެފައިވާ ކަމަށް ބުނެ، މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގުގައި އިތުރަށް ބެލިބެލުމުން، މާލެއާއި ހުޅުމާލޭގެ އެކި ފިހާރަތަކަށް ބޭންކު ޓްރާންސްފަރގެ ސައްހަ ނޫން ސްލިޕްތައް ފޮނުވައިގެން، މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.
ތުހުމަތުކުރެވޭ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރުމުން، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޒައިދާންއާއި އަފްރިން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޒައިދާން 15 ދުވަހަށް އަދި އަފްރިން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ، މިހާރު ދެ މީހުންވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ