ފަލަސްތީނުގެ ގާޒާ ސަރަހައްދަށް އިޒްރޭލުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގައި އިއްޔެ 110 މީހުން ޝަހީދުވެއްޖެ ކަމަށް ގާޒާގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ. އަލްޖަޒީރާ ޗެނަލުން ރިޕޯޓު ކުރި ގޮތުގައި، ޝަހީދުވި މީހުންގެ ތެރެއިން 34 މީހުންނަކީ އެހީގެ ސާމާނު ބަހާ މަރުކަޒަކަށް ކާނާ ހޯދުމަށް ދިޔަ މީހުން ކަމަށްވާއިރު، އެމީހުންނަށް އިޒްރޭލު ސިފައިން ސީދާ ބަޑިން ހަމަލާދީފައިވެއެވެ.
އިއްޔެ ފަތިހުން ފެށިގެން ގާޒާގެ އުތުރު ސަރަހައްދުތަކަށް އިޒްރޭލުން 50 އަށްވުރެ ގިނަ ބޮމުގެ ހަމަލާ ދީފައިވެއެވެ. މީގެ އިތުރުން އިޒްރޭލު ސިފައިން ގާޒާއަށް ކާނާއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ސާމާނު ވައްދަން ދޭ ފުރުސަތުތައް ވެސް ބަންދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 130،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މާޗު 18 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަލުން ވަރުގަދަ ހަމަލާތަކެއް ފަށާފައިވާކަން ފާހަގަކުރެވެއެވެ.
އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ގެދޮރުތަކުގެ އިތުރުން މިސްކިތްތަކާއި ހޮސްޕިޓަލްތައް ފަދަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު އާބާދީ ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ކެއުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާކަން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ