ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަން މަޝްހޫރު ބަޔޯމެޑިކަލް ސައިންޓިސްޓް ޑރ. އިބްރާހިމް މުސްތަފާ 57 އަހަރުގެ އުމުރުފުޅުގައި ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީގެ ހުޅުދޫ އަވަށަށް ނިސްބަތްވާ ޑރ. އިބްރާހިމް މުސްތަފާ ނިޔާވީ ރޭ އިންޑިއާގެ ކޮޗިން ސިޓީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ކުރިން ފެށިގެން ސިއްހީ ދަތިތަކެއް ދިމާވެފައިވާ މުސްތަފާ ކޮޗިންއަށް ގެންދެވުނީ އިތުރު ފަރުވާ ހޯއްދެވުމަށް ކަމަށް ވީނަމަވެސް، ހޯއްދަވަމުން ގެންދެވީ ކޮން ފަރުވާއެއްކަމެއް އެނގިފައެއް ނުވެއެވެ.
ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގައި އެސިސްޓެންޓް ޕްރޮފެސަރ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ޑރ. އިބްރާހިމް މުސްތަފާ އަކީ ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާއިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ފަންނީ ތަޖުރިބާކާރެކެވެ.
ތެލެސީމިއާ ބަލީގެ ދާއިރާއިން ގިނަގުނަ ދިރާސާތަކެއް ކުރައްވައި، މި ދާއިރާގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވިފައިވާ ޑރ. އިބްރާހިމް މުސްތަފާގެ ޖަނާޒާ ނަމާދު ކުރެވުނީ މިއަދު އަސުރު ނަމާދަށްފަހު ކޮޗިންގައެވެ. އޭނާގެ ވަކިވެދިއުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށާއި ސައިންސްގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެކެވެ.
ކޮމެންޓު ފޮނުވާ