ހުޅުމާލޭ އެންސިސް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ފުލުހުންނަށް އަނިޔާވި

ހުޅުމާލޭ އެންސިސް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ފުލުހުންނަށް އަނިޔާވި

Author
ހުސައިން
11 ޖުލައި 2025 04:04
0

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އެންސިސް ގުދަނުގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވަން މަސައްކަތްކުރި ތިން ފުލުހުންނަށް ދުމުގެ އަސަރުކޮށްފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ. މި ތިން ފުލުހުން ވަނީ ރޭ ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ފުލުހުން ދިން މަޢުލޫމާތުގައި ވާގޮތުން، އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ހުޅުމާލޭގައި ޑިއުޓީ އަދާކުރަމުން ދިޔަ މި ތިން ފުލުހުންނަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ. އަދި މި ތިން ފުލުހުންގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އެންސިސް ގުދަނުގައި ރޭ ހިނގި މި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރެވިފައިވަނީ ފުލުހުންނާއި ސިފައިންގެ ގުޅިގެން ކުރި މަސައްކަތަކުން ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވުމަށް ފަހުގައެވެ. މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.