ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި ކުރިއެރުމެއް: ހަމާސް އިން 10 ރަހީނުން ދޫކޮށްލުމަށް އެއްބަސްވޭ

ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި ކުރިއެރުމެއް: ހަމާސް އިން 10 ރަހީނުން ދޫކޮށްލުމަށް އެއްބަސްވޭ

Author
ހުސައިން
10 ޖުލައި 2025 07:49
0

ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ގަތަރުގައި ކުރަމުންދާ މަޝްވަރާތަކުގައި މުހިންމު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ބޭއްވޭ މި ނުސީދާ މަޝްވަރާތަކުގައި، ދެފަރާތުން އެއްބަސްވުމަކަށް އައުމުގެ ކުރިން ހަމާސް އިން 10 ރަހީނަކު މިނިވަންކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށް އެ ޖަމާއަތުން އިއުލާންކޮށްފައިވެއެވެ.

އެމެރިކާ އާއި ގަތަރު މެދުވެރިކޮށްގެން ބޭއްވޭ މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ 21 މަސްދުވަހުގެ މުއްދަތެއްގައި ދެމިގެންދާ ހަނގުރާމަ ފުރަތަމަ 60 ދުވަހަށް މެދުކަނޑާލައި، އޭގެ ފަހުން ދާއިމީ ސުލްހައެއް ގާއިމުކުރެވޭނެ އެއްބަސްވުމެއް އެކުލަވާލުމެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މެދުވެރިންނާ އެކު ކުރެވޭ މަޝްވަރާތަކުގައި އެ ފަރާތުން ހެޔޮނިޔަތުގައި ބައިވެރިވާ ކަމުގެ ހެއްކެއްގެ ގޮތުން 10 ރަހީނުން މިނިވަންކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ހައްލުކުރަންޖެހޭ މުހިންމު މައްސަލަތަކެއް ބާކީ އެބަހުރި ކަމަށް އެ ޖަމާއަތުން ފާހަގަކުރެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ކަންކަން ހަމަޖެއްސުމާއި، އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމާއި، ދާއިމީ ސުލްހައެއް ގާއިމުވާނެކަމުގެ ޔަގީންކަން ހޯދުން ހިމެނެއެވެ. "އިސްތިއުމާރީންގެ ހަރުކަށިކަމުގެ ސަބަބުން މަޝްވަރާތަކުގައި ގޮންޖެހުންތައް ކުރިމަތިވިޔަސް، އަޅުގަނޑުމެންގެ ރައްޔިތުންނަށް މިނިވަންކަމާއި ރައްކާތެރިކަމާއި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އިހްލާސްތެރިކަމާ އެކު މަސައްކަތްކުރަމުންދާނަން،" ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ހުށަހެޅުމުގައި ރަހީނުން މިނިވަންކުރުމުގެ ކަންތައް ހިމެނިފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ކުރި ހަމަލާގައި 251 މީހަކު ރަހީނުކުރި އިރު، އޭގެ ތެރެއިން 49 މީހަކު އަދިވެސް ޣައްޒާގައި ހުރި ކަމަށް އިޒްރޭލު އަސްކަރިއްޔާއިން މައުލޫމާތު ދީފައިވެއެވެ. މި 49 މީހުންގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

މަޝްވަރާތައް ހަތަރު ދުވަހަށް ދިގުލައިގެން ދިޔައީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމާ ގުޅޭގޮތުން އެމެރިކާ ހުށަހަޅާ ގޮތްތަކަށް އިޒްރޭލު އެއްބަސްނުވުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. މަޝްވަރާތައް ކުރިއަށްދާ އިރުވެސް އިޒްރޭލުން ޣައްޒާގައި ވަރުގަދަ ހަމަލާތައް ކުރިއަށް ގެންދަމުންދާ ކަމާއި، މިއީ މަޝްވަރާތައް ކާމިޔާބުކުރުމަށް ބޭނުންވާ ފިޔަވަޅުތަކެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރިއްޔާގެ ވެރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.