އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަކަމެއްކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފިއެވެ. މި ފަތުވާ ނެރެފައިވަނީ 18 ފެބްރުއަރީ 2025 ގައި ނަމަވެސް، ފަތުވާ މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވަނީ އިއްޔެގައެވެ.
މި ފަތުވާގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ މައްސަލައިގައި އިސްލާމީ ޢިލްމުވެރިންގެ މެދުގައި މައިގަނޑު ދެ ރައުޔެއް އެބައޮތެވެ. އެއް ބަޔަކު ދެކެނީ މިކަމަކީ ޙަރާމް ކަމެއްކަމަށް ވީނަމަވެސް، އަނެއް ބަޔަކު ދެކެނީ ހުއްދަ ކަމެއްކަމަށެވެ.
ފަތުވާ މަޖިލީހުން ވިދާޅުވި ގޮތުގައި، މި ދެ ރައުޔު ބިނާވެފައިވަނީ ޝަރުޢީ ދަލީލުތަކުގެ މައްޗަށެވެ. އަދި މި މައްސަލާގައި ޢިލްމުވެރިން ނިންމަވާފައިވާ ނިންމެވުންތަކަކީ އެ ބޭފުޅުންގެ އިޖުތިހާދާ ގުޅިފައިވާ ނިންމެވުންތަކެކެވެ.
މިއީ އިޖުތިހާދީ މައްސަލައަކަށް ވުމުން، މި ދެ ރައުޔަކީވެސް އިސްލާމީ ޢިލްމުވެރިން ޤަބޫލުކުރައްވާ ރައުޔުތަކެއްކަމަށް ފަތުވާ މަޖިލީހުން ފާހަގަކުރެއެވެ. އެހެންނަމަވެސް، ހުއްދަކަމަށް ދެކޭ ޢިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފެންނާތީ، ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަކަމެއްކަމަށެވެ.
މި ފަތުވާއަކީ ދިވެހި މުޖުތަމަޢުގައި ދިގު މުއްދަތެއްގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައަކާ ގުޅޭ ގޮތުން ނެރުނު ރަސްމީ ނިންމުމެކެވެ.
ކޮމެންޓު ފޮނުވާ