އައިލެންޑް އޭވިއޭޝަން ސަރވިސަސް ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ އައު އިންޖިނިއަރިން ސަރވިސް ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ދުވަހަކީ މޯލްޑިވިއަންގެ ތާރީޚުގައި މުހިންމު ދުވަހެއް ކަމަށެވެ. އައު މެއިންޓަނަންސް ފެސިލިޓީ ހުޅުވުމުން މޯލްޑިވިއަންގެ މެއިންޓަނަންސް ޚަރަދުތައް ކުޑަވެ، ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އަންނަ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ މެއިންޓަނަންސް ޚިދުމަތް މޯލްޑިވިއަނުން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އައު ފެސިލިޓީގެ ސަބަބުން މި ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިހަ އަހަރުގެ މަސައްކަތަށްފަހު މި އިމާރާތް ހުޅުވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރ ޓްރާންސްޕޯޓް ދާއިރާއަށް ދެއްވާ ޚާއްސަ ސަމާލުކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް އަމިއްލަ ޤާބިލުކަމާއެކު ކުރިއަށްދެވޭ، ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުން. މިކަން ވެގެންދިޔުމުން ކުންފުނީގެ މުވައްޒަފުންނަށްވެސް ފައިދާތަކެއް ކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން މޯލްޑިވިއަން އަށް ޤައުމީ އެއަރލައިންގެ ދަރަޖަ ދިނުމަށާއި، އެ މަޤާމަށް އެއަރލައިން ތައްޔާރުކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ވަޒީރު މުޙައްމަދު އަމީން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ