ފަރުވާ ލިބެމުންދަނިކޮށް އަށް މަހުގެ ކުއްޖަކު ނިޔާވުން: އައިޖީއެމްއެޗްއިން ދަނީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުން

ފަރުވާ ލިބެމުންދަނިކޮށް އަށް މަހުގެ ކުއްޖަކު ނިޔާވުން: އައިޖީއެމްއެޗްއިން ދަނީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުން

Author
ހުސައިން
30 ޖޫން 2025 12:18
0

އައިޖީއެމްއެޗްގައި ފަރުވާ ލިބެމުންދަނިކޮށް އަށް މަހުގެ ކުއްޖަކު ނިޔާވި މައްސަލައިގައި، ފަރުވާދިނުމުގައި އިހުމާލުވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ހޮސްޕިޓަލުން އަދިވެސް މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، ނިޔާވި ކުއްޖާގެ ހާލަތު ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ގާތުން މޮނީޓާކޮށް، ދޭންޖެހޭ ފަރުވާތައް ދެމުންދިޔަ ކަމަށެވެ. އަދި ރެކޯޑުތަކުން ދައްކާގޮތުން، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓެއްގައި، ކުއްޖާގެ އާއިލާގެ ފަރާތުން ތަފާތު ވާހަކަތަކެއް ދައްކާފައި ވެއެވެ. އެގޮތުން ކުއްޖާ ގެންދިޔަ ފުރަތަމަ ދެ ތިން ދުވަހު، ފަރުވާގެ ސަބަބުން ކުއްޖާ އެއްކޮށް ހުން އައިސް ފުފުނު ކަމަށާއި، ކުޑަކުދީންގެ ހާއްސަ ޑޮކްޓަރަކު ކުއްޖާ ބެލީ އެނދުމަތިކުރިތާ 5 ވަނަ ދުވަހުގައި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އެ ވަގުތު ޑޮކްޓަރު ބުނީ ކުއްޖާގެ ލިވާ ފެއިލްވެފައިވާ ކަމަށާއި ވަގުތުން ބޭރަށް ފުރަން ޖެހޭ ކަމަށް ކަމުގައި އާއިލާއިން ބުނެއެވެ. އެކަމަކު ހިޖުރީ އައު އަހަރުގެ ބަންދު ދުވަހަށް ވުމުން، އާސަންދައާއި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ލަސްވި ކަމަށާއި، އެނދުމަތިކުރިތާ 6 ވަނަ ދުވަހު ކުއްޖާ ނިޔާވި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ، ތުއްތު ކުދިންގެ އިންފެކްޝަނާ ގުޅޭ ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ކަމަށާއި، މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމުން ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރެވޭ ކަމަށެވެ. މި މައްސަލަ ވެސް އިތުރަށް ބަލައި، ޚިދުމަތް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަންނަމުން ދާކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.