ތެލަސީމިއާ އެންޑް ހީމޮގްލޮބިނޯޕެތީސް ސެންޓަރުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ސެންޓަރަށް ޑިރެކްޓަރު ޖެނެރަލްގެޝަރުތުތަކާއި މަސްއޫލިއްޔަތު ކަނޑައަޅަން ގާނޫނަށް އިސްލާހެއް ސަރުކާރުން ހުށަހަޅައިފިއެވެ. މި އިސްލާހު ބިލު އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ފުރަތަމަ ކިޔުން އިއްވައިފިއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ސެންޓަރުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ޑިރެކްޓަރު ޖެނެރަލެއް ޢައްޔަންކޮށް، އޭނާގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް ކަނޑައެޅުމެވެ. ޑިރެކްޓަރު ޖެނެރަލަކީ ސިޚްޙަތު ކަމާބެހޭ ވަޒީރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރާ، ސިވިލް ސާވިސްގެ މުވައްޒަފެއް ކަމުގައި ވާނެއެވެ.
ބިލުގައި ފާހަގަކޮށްފައިވާ ގޮތުން ޑިރެކްޓަރު ޖެނެރަލްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާއި، ސެންޓަރުގެ މުވައްޒަފުން އެ ވަސީލަތްތަކަށް އަހުލުވެރި ކުރުވުން ހިމެނެއެވެ. އަދި ތެލަސީމިއާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ދިރާސާތަކާއި ތަހުލީލުތައް ހެދުމާއި، މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް މި ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
މި އިސްލާހުގެ އެންމެ މުހިންމު ބަދަލެއްކަމަށް ފާހަގަ ކުރެވެނީ ތެލަސީމިއާ ކެރިއަރ ގީން ގެންގުޅޭ ފަރާތްތައް ކައިވެނި ކުރުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ. އިސްލާހުގައި ބުނެފައިވާ ގޮތުން، ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ ދެމީހުން ކައިވެނި ކުރާނަމަ، ގާނޫނުގެ ދަށުން ކަނޑައަޅާ ޚާއްޞަ ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެއެވެ. މި ޕްރޮގްރާމުގައި ހިމެނޭނެ ކަންކަމާއި، ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަކީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކުރާނެ ކަމެކެވެ.
ޑިރެކްޓަރު ޖެނެރަލަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ވަޒީރުގެ ޒިންމާއެއް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އާއިލާ ރޭވުމާ ގުޅޭ ކައުންސެލިންގ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ތެލަސީމިއާއާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުން ވެސް ސެންޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އިސްލާހާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހަކީ ތެލަސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާ ކުރުމާއެކު، ތެލަސީމިއާގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އަމާޒުކޮށްގެން ނެގޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ