2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް އާއި ދީނީ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އަދި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނެފައިވާ ގޮތުގައި، މި ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގައި ރިއާޔަތްކޮށްފައިވަނީ ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާ މެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވާތީ އާއި، މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އާއި، ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވާތީ އާއި އެ މީހުން މުޖުތަމައުގައި އަދާކުރާ ދައުރަށް ކަމަށް އެ އޮފީހުން ބުންޏެވެ.
ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ބޭފުޅުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭރުގެ ޕީޕީއެމް-ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު އިސްމާއިލުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހައްޔަރުކުރީ 2022 ޖޫން 22 ގައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ދެން ކޯޓުގައި ކުރިއަށްދާނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްސަލަ އެކަންޏެވެ.
އެ ހަތް މީހުންނަކީ އަބްދުﷲ ރިފާއު (ނަރުގިސްވިލާ/ތ. ތިމަރަފުށި)، އަބޫބަކުރު ފާރިއު (ކާނޭޝަންމާގެ/ނ. މިލަދޫ)، އަހުމަދު އަކްސަމް (އަލަމާގެ/ރ. ކަނދޮޅުދޫ)، އަހުމަދު ނަސޫހު (އަސްރަފީވިލާ/ގއ. މާމެންދޫ)، ހަސަން ޝިފާޒު (މ. ކުދެހިގެ)، ޝަބިމް އާދަމް (އާބާދީގުލްޝަން/ފ. ދަނބުރުދޫ) އަދި މުހައްމަދު ޒިލިއަން (މއ. ކަނުހުރާ) އެވެ.
މި މައްސަލާގައި ފުލުހުން ހިންގި ޖިނާއީ ތަހުގީގާ ގުޅިގެން ނިޝާން އަދި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޭރު ހިފެހެއްޓި ނަމަވެސް، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ ހުއްދަ ވަނީ އަނބުރާ ދީފައެވެ. އޭރު އިދިކޮޅުގައި އޮތް ޕީއެންސީން ވަނީ މުހައްމަދު އިސްމާއިލަކީ އެދުވަހުގެ ހަރަކާތަށް ގޮސްފައިވާ މީހެއް ނޫން ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ