ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒުތަކުގެ ކައިރީގައި އިސްރާއީލުން ހިންގި ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 38 މީހުން އިސްރާއީލުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި މިއަދު ކާބޯތަކެތި ހޯދުމަށް އެތައް ހާސް މީހުން އެއްވެފައި ތިބި ވަގުތެއްގައެވެ.
އިސްރާއީލުގެ ސިފައިންގެ ކޮންޓްރޯލްގައި ހުންނަ ސަރަހައްދުތަކުން ނިކުމެ ކާބޯތަކެތި ހޯދުމަށް ދަތުރުކުރި ފަލަސްތީން މީހުން އެއްވެފައި ތިބި ތަނަށް ސީދާ ބަޑި ޖަހާފައިވާ ކަމަށް އެ ހާދިސާ ބެލި ފަރާތްތަކުން ބުނެއެވެ. މިއީ އެއް ދުވަހުގެ ތެރޭގައި ހިނގި ހަމަލާތަކުގައި އެންމެ ގިނަ މީހުން ޝަހީދުވި ހާދިސާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
ހަމަލާ ދިންއިރު އިސްރާއީލުގެ ސިފައިން މަގްސަދަކީ ގިނަ އަދަދަކަށް އެއްވެފައިތިބި މީހުން "މެނޭޖްކުރުން" ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އިސްރާއީލުގެ ފަރާތުން މި ހާދިސާއާ ގުޅޭގޮތުން އަދި ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ކުރިން އެ ގައުމުން ބުނެފައިވަނީ އެމީހުންގެ ސިފައިންނަށް ނުރައްކާވެދާނެ ކަމަށް ޤަބޫލުކުރެވޭ ފަރާތްތަކަށް ހަމަލާދޭ ކަމަށެވެ.
ފާއިތުވި މަހު ކާބޯތަކެތި ބަހާ މަރުކަޒުތައް ހުޅުވާލި ފަހުން މިފަދަ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ. ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ އަސްކަރީ ހަމަލާތަކާއި، ޢައްޒާއަށް އެހީގެ ތަކެތި ވެއްދުން މަނާކޮށްފައި ވުމުގެ ސަބަބުން ބަނޑުހައިކަމުގެ ނުރައްކާ އެ ސިޓީގައި ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަގްވާމީ ތަޖުރިބާކާރުން ދަނީ އިންޒާރުދެމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 52،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، 120،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި ނިސްބަތުން ބަލާއިރު ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މި ހަނގުރާމައިގެ ސީދާ އަސަރު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ