ސިޓީ އަތުން ބަލިވެ، ޗެލްސީއަށް ހާސްކަން

ސިޓީ އަތުން ބަލިވެ، ޗެލްސީއަށް ހާސްކަން

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 11:42
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވެ، ޗެލްސީއަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެއެވެ.

މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ތައްޓަށް އަމާޒު ހިފައިގެން ނުކުތް ޗެލްސީ ބަލިވުމާއި ގުޅިގެން ޓީމުގެ ކޯޗު ލަމްޕާޑަށް ވަނީ އިތުރު ޕްރެޝަރާއި ކުރިމަތި ވެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޗެލްސީ އަށް ލިބުނީ އެންމެ މޮޅެކެވެ. ރޭގެ ބައްޔާ އެކު އެ ޓީމު ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. އަދި މިރޭ ސައުތެމްޓަނުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިނަމަ ޗެލްސީ ނުވަ ވަނަ އަށް ވެއްޓޭނެ އެވެ.

މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ނަގައިދިނީ ގުންޑަގަން އެވެ. އޭގެ ތިން މިނެޓުފަހުން އެޓީމަށް ލީޑު ފުޅާ ކޮށްދިން ލަނޑު ޑި ބްރުއިނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ފިލް ފޯޑެން އެވެ. އަދި ސިޓީގެ ފަހު ލަނޑު މިހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެވިން ޑި ބްރުއިނޭ އެވެ.

މި މޮޅާ އެކު ސިޓީ ވަނީ ލީގުގެ ފަސް ވަނަ އަށް އަލުން ޖެހިލައިފަ އެވެ. އެ ޓީމަށް 15 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށްގެން އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.