ރާއްޖެއާއި އޮމާން ތިމާވެށި ރައްކާތެރިކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެއާއި އޮމާން ތިމާވެށި ރައްކާތެރިކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކޮށްފި

Author
ހުސައިން
10 ޖޫން 2025 08:04
0

ފްރާންސްގެ ނިސް ސިޓީގައި މިހާރު ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގެ ތެރެއިން ރާއްޖެއާއި އޮމާންއާއި ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވުނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް، އޮމާނުގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަން އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓްގެ ރައީސް ޑރ. ޢަބްދުﷲ ބިން ޢަލީ އަލް-ޢަމްރީ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި ފާހަގަކުރެވުނު މައިގަނޑު ނުކުތާތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކުރި ގޮތުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މިފަދަ މުހިންމު ކޮންފަރެންސްތަކުގައި މިނިސްޓަރ ޠާރިޤް ބައިވެރިވުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ހައިސިއްޔަތު ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ކުރާ މަސައްކަތްތަކަށް އަލަށް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިމާވެށީގެ ދާއިރާގެ އިސް ވެރިންނާއި މާހިރުން ބައިވެރިވާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމަކީ، ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ އެންމެ މުހިންމު ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.