ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލް އިދާރާތަކުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު 50 އާ އިމާރާތް ބިނާކުރުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމަށްޓަކައި އަންނަ މަހު ޗައިނާއިން ޚާއްޞަ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ. މި ބޮޑު ޕްރޮޖެކްޓާ ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ދެ ޤައުމުގެ ސަރުކާރުތަކުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ސޮއިކުރައްވާފައެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރެއިން އެއް ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، މުވައްޒަފުންނަށް މަސައްކަތްކުރަން ދަތިވާ މިންވަރަށް ކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޕްރޮޖެކްޓުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ދެ ވައްތަރެއްގެ އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ ބާވަތުގެ ދަށުން 30 ކައުންސިލް އިދާރާ އެޅުމަށާއި، ދެވަނަ ބާވަތުގެ ދަށުން 20 އިދާރާ އެޅުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ޒަމާނީ ފެންވަރުގެ އިމާރާތްތައް ލިބުމުން ރައްޔިތުންނަށް ކައުންސިލްތަކުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފެންވަރު ރަނގަޅުވާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ