ބޮޑު އީދަށް ޚާއްޞަކޮށް ނ. މަނަދޫގެ މަޝްހޫރު ޑާންސް ގުރޫޕް ހިޔަލައިން ތައްޔާރުކުރި 'ބޯމަތިވަނީ' ލަވަ، ޓީވީއެމުން އެ ގުރޫޕުގެ ހުއްދަ ނުހޯދާ ދެއްކުމުން، މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ހިޔަލަ ގުރޫޕުން ބުނެފިއެވެ.
ނުވަދިހައިގެ އަހަރުތަކުން ފެށިގެން ގައުމީ މުނާސަބަތުތަކާއި އީދު ފަދަ ދުވަސްތަކަށް ލަވަތައް ނެރެމުން އަންނަ ހިޔަލަ ގުރޫޕުން، މި ފަހަރުގެ ބޮޑު އީދަށް ވެސް ވަނީ އެ ގުރޫޕުގެ ޔޫޓިއުބް ޗެނަލްގައި 'ބޯމަތިވަނީ' ލަވަ އާންމުކޮށްފަ އެވެ. އެހެންނަމަވެސް، އީދު ދުވަހު ޓީވީއެމުން ގެނެސްދިން ޕްރޮގްރާމެއްގައި މި ލަވަ ދެއްކުމުން، ހިޔަލަ ގުރޫޕުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހިޔަލަ ގުރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ގުރޫޕުން ތައްޔާރުކުރާ ލަވަތައް ބްރޯޑްކާސްޓް ކުރުމަށް ޓީވީއެމަށް ނުވަތަ އެހެން އެއްވެސް ޗެނަލަކަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ޓީވީއެމުން މި ލަވަ ދައްކާފައިވަނީ އެ ޗެނަލަށް ލިބުނު ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުނި ނަމަވެސް، މިއީ ހިޔަލަ ގުރޫޕުގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން އަޚްލާޤީ ގޮތުން ވެސް ވަރަށް ދަށް ފެންވަރުގެ އަމަލެއް ކަމަށް އެ ގުރޫޕުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައި، ޓީވީއެމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ހިޔަލަ ގުރޫޕުން ބުނެފައިވެ އެވެ. މި ވަގުތު މި މައްސަލައާ ގުޅޭގޮތުން ޓީވީއެމްގެ ބަހެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ