ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ، ރައްޔިތުން އިތުބާރުކުރާ ތަންތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އުފައްދި ޚާއްސަ މިނިސްޓްރީގެ މަސައްކަތްތައް ކައުންސިލްތަކުން ބަލައިގަންނަމުންދާ ކަމަށެވެ. އަދި މި މިނިސްޓްރީގެ ހިންގުމުގެ މުހިންމު އުސޫލުތައް އެކުލަވާލައި ޢަމަލުކުރަން ފެށިފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
"ކައުންސިލްތަކަށް ލިބޭ އިޙްތިޞާސްގެ ތެރޭގައި ކަންކަން ކުރެވޭނެ ފުރުސަތުތަކާއި އެކަންކަން ކުރާނެ ގޮތްތަކެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. ރައްޔިތުން އިތުބާރުކުރާ ރައްޔިތުންނަށް ބަރޯސާވެވޭ ބަޔަކަށް ކައުންސިލްތައް ހަދަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އެންމެ އިސްކަން ދެނީ ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށާއި، މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާންޖެހެނީ ކައުންސިލްތަކުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންގެ އަޑު އިވޭ ތަންތަނަކަށް ބަދަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއެކު ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާކަން މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކުގެ ޚިދުމަތްތައް ފުޅާވެ، ރައްޔިތުންނަށް ފައިދާ ކުރާނެކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ