މަސްތުވާތަކެތީގެ ބޭނުން ކުރުން ހުއްޓުވުމަށް 200 މީހުން ރިމާންޑަށް؛ 178 މީހަކަށް ފަރުވާ ދެމުންދޭ

މަސްތުވާތަކެތީގެ ބޭނުން ކުރުން ހުއްޓުވުމަށް 200 މީހުން ރިމާންޑަށް؛ 178 މީހަކަށް ފަރުވާ ދެމުންދޭ

Author
ހުސައިން
08 ޖޫން 2025 03:46
0

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 200 އެއްހާ މީހުން ރިމާންޑް ސެންޓަރުތަކަށް ގެންގޮސް، އޭގެ ތެރެއިން ގިނަ ބަޔަކަށް ފަރުވާ ދެމުންދާކަމަށް ބުނެފިއެވެ.

ސަރުކާރުގެ މީޑިއާގައި ވާހަކަދައްކަވަމުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ފާހަގަކުރެއްވީ، ރިމާންޑަށް ގެންދެވުނު މީހުންގެ ތެރެއިން 178 މީހުންނަށް މިހާރު ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަރުވާ ނުލިބި ތިބި ބަޔަކު އެގޮތަށް ތިބީ، ކްރިމިނަލް ކޯޓުގައި އެ މީހުންގެ މައްސަލަތައް ހިނގަމުންދާތީ ކަމަށް ލުބްނާ ވިދާޅުވިއެވެ. އެ މައްސަލަތައް ނިމުމުން، އެ މީހުންނަށްވެސް ފަރުވާގެ ފުރުޞަތު ލިބޭނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.

މަގުމަތިން ރިމާންޑަށް ގެންދަނީ ޚާއްސަކޮށް މަސްތުވާތަކެތި ބޭނުންކޮށްގެން އާންމު ތަންތާނގައި އުޅޭ މީހުންނެވެ. މީގެ އިތުރުން، ގޭބިސީތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، މުޖުތަމައަށް އުނދަގޫ ކުރާ މީހުންގެ ޝަކުވާ ލިބުމުން، އެފަދަ މީހުންވެސް ރިމާންޑް ސެންޓަރުތަކަށް ގެންދެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުން ތިން ރިހެބިލިޓޭޝަން ސެންޓަރު، ރިމާންޑް ސެންޓަރުގެ ގޮތުގައި ބަދަލުކޮށްފައިވާ ކަމެވެ. އެ ތަންތަނަކީ ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި، ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އަދި ސ. ހުޅުދޫ ވިލުނު ސެންޓަރެވެ.

މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށް، ކުށްކުރާ މީހުން ރިމާންޑް ސެންޓަރުތަކަށް ގެންދިއުމުގެ ސިޔާސަތު އަމަލުކުރަން ފެށީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިޔަވަޅަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށް ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.